މަކަރާއި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ
މަކަރާއި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ފޮޓޯއެއް -- ފައިލް ފޮޓޯ

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ހިނގަމުން އަންނަ ނޭދެވޭ ކަންކަމެވެ. ޒަމާނީ ގޮތުން އައިސްފައިވާ ކުރިއެރުންތަކާއެކު ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ އެހީގައި މިފަދަ ކަންކަންކުރާ ފަރާތްތަކުން އެއިގެ ނާޖާއިޒު ފައިދާ ނަގަމުން އަންނަ ކަމީވެސް ދެބަސްވެވެން ނެތް ހަޤީޤަތެކެވެ. ފައިސާ ނުވަތަ ވަކި މަންފާއަށް ހޯދައިދޭނެކަމަށްބުނެ މަކަރާއި ހީލަތުން ގިނަ ޢަދަދެއްގެ ފައިސާ މީސް މީހުންގެ އަތުން ހޯދާފައިވާ ތަފާތު އެތައް މައްސަލައެއް ފުލުހުންނަށް ހުށަހެޅި އެފަދަ މައްސަލަތަކެއް ދަނީ ތަޙުޤީޤު ކުރަމުންނެވެ.

އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި، އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް މިހާރަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރެވިފައިވާއިރު ވޭތުވެދިޔަ ދިހަ ދުވަހުގެ ތެރޭގައި، މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސްގެ ގޮތުގައި 26,600 އަށް ވުރެ ގިނަ ރުފިޔާއާއި  އެކައުންޓް ޓްރާންސްފަރގެ ގޮތުގައި 90,625 ރުފިޔާ ޓްރާންސްފަރ ކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، މީސްމީހުންނަށް ފޯނުން ގުޅައި ފޯނުން ކުރިއަށް ގެންދާ ކުއިޒެއްގައި ބައިވެރިވެވިފައިވާ ކަމަށް ބުނެ ތަފާތު އެކި ސުވާލުތައް ކުރިމަތި ކުރުވައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށް، ކޮންމެވެސް  ނަމްބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަންޖެހޭ ކަމަށް ނުވަތަ ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދިފައި ހުންނަކަން ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ. އަދި އެއްވެސް މީހެއްގާތުގައި ނުބުނުމަށާއި ފޯންކޯލްގައި ހުރެގެން ފައިސާ ޖަމާކޮށްދިނުމަށް މިފަދަ ފޯންކޯލްތަކުގައި އެދެމުންދާކަންވެސް ތަޙުޤީޤަށް ފާހަގަކުރެވިފައިވެއެވެ.

މަކަރާއި ހީލަތުން ރީލޯޑް ނުވަތަ ރާސްޓަސް ހޯދުމުގެ މައްސަލަތަކުގެ އިތުރުންވެސް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބޭނުންކޮށްގެންނާއި ފޯނުން ގުޅައިގެން ކްރެޑިޓް ކާރޑް ނުވަތަ ޑެބިޓް ކާރޑްގެ މަޢުލޫމާތު ހިއްސާކޮށްދޭން އެދެމުންދާކަންވެސް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން ކާރޑް ނަމްބަރާއި  ސެކިއުރިޓީ ކޯޑް ފަދަ މުހިންމު މަޢުލޫމާތު ހޯދުމަށް އެދިފައި ހުންނަކަން ފާހަގަކުރެވިފައިވެއެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި  މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ ސަމާލުވެ ތިބުމަކީ ކޮންމެހެން މުހިންމުކަމެކެވެ.އެގޮތުން އެއްވެސް ކުންފުންޏެއްގެ ނަމުގައި ޕްރޮމޯޝަނެއް ހިންގާކަމަށް ބުނެ ފޯނުކޯލެއް އަތުވެއްޖެނަމަ އެންމެ ކުޑަމިނުން އެ ފޯންކޯލު އައި ނަންބަރުގެ ސައްޙަކަން ދެނެގަތުމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ޝައްކުވާފަދަ އެއްވެސް ކޯލެއް އައިސްފިނަމަ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަކީވެސް  މުހިންމުކަމެކެވެ. ހަމައެހެންމެ ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި ވަކި ޢަދަދަކުން ރީލޯޑްކޮށް ނުވަތަ ރާސްޓަސް ކޮށްދިނުމަށް ނުވަތަ އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަކަށް ނުވަތަ ކޭޝް ކާޑުުގެ މުހިންމު މަޢުލޫމާތުތައް ހިއްސާކޮށްދިނުމަށް އެއްވެސް ކުންފުންޏަކުން ނޭދޭނެކަން ހަނދާނުގައި ބެހެއްޓުމަކީ މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

މިފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން މަސައްކަތްތަކެއް ކުރިނަމަވެސް، މިފަދަ މައްސަލަތައް ހުއްޓުވޭނީ އާއްމު ރައްޔިތުންވެސް މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެންނެވެ. މިފަދަ މައްސަލަތަކަށް ރައްޔިތުން ސަމާލުކަންދީ މިހާރަށްވުރެ ހޭލުންތެރިވެއްޖެނަމަ މިފަދަ މައްސަލަތަކަކީ ހުއްޓުވިދާނެ މައްސަލަތަކެކެވެ. އަދި މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ނާކާމިޔާބު ކޮށްލަން އެޅޭނެ އެންމެ ބޮޑު ފިޔަވަޅުވެސް މެއެވެ.