ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ  މަސްތުވާތަކެތި-  /ޕޮލިސް ފައިލް ފޮޓޯ
ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހޯދާފައިވާ މަސްތުވާތަކެތި- /ޕޮލިސް ފައިލް ފޮޓޯ

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ނައިފަރުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  ހިންގި އޮޕަރޭޝަނެއްގައި މި ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ 15:15 ހާއިރު ނައިފަރު މަގުމަތިންނެވެ.

މިމީހާއަށް ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އޮތް އެއްޗެއް ވައްޓާލުުމުން އޭނާގެ ހާޟިރުގައި އެސަރަޙައްދު ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.