މަސްތުވާތަކެއްޗާއެކު މީހަކު ލ.ކައްދޫއިން ހައްޔަރުކޮށްފި

ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން މުއާޛް
Kahdhoo


މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ލ.ކައްދޫއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ލ.އަތޮޅުގެ ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން  ހިންގި އޮޕަރޭޝަނެއްގައި މި ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެރޭ 23:55 ހާއިރު ލ.ކައްދޫ ބަނދަރުމަތިންނެވެ.

މިމީހާއަށް ފުލުހުން ފެނުމާއެކު އޭނާގެ އަތުގައި އޮތް އެއްޗެއް މޫދަށް އެއްލާލުމުން އޭނާގެ ހާޒިރުގައި އެސަރަޙައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލަ ލ.ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.