Taxi2

 

ރާއްޖޭގައި ހިނގާ ޓްރެފިކް އެކްސިޑެންޓްގެ މައްސަލަތައް މަދުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މިދިޔަ އަހަރު ހިންގި އެކި ޕްރޮގްރާމްތަކުގައި 5500 އަށްވުރެ ގިނަ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މުޅިއަހަރަށް ބަހާލައިގެން ސިލްސިލާކޮށް ހިންގި އެކި ޕްރޮގްރާމްތަކުގައި ޖުމްލަ 5545 ފަރާތަކަށް މަޢުލޫމާތު ފޯރުކޮށްދީފައިވާއިރު މި ޕްރޮގްރާމްތަކުގައި ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޓެކްސީ ޑްރައިވަރުންނާއި އަދި ޒުވާނުންނަށް މަޢުލޫމާތު ދީފައިވެއެވެ.

މިގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން 32 ޕްރޮގްރާމެއް ހިންގާފައިވާއިރު މި ޕްރޮގްރާމްތަކުގެ ދަށުން 3619 ދަރިވަރަކަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން މިދިޔަ އަހަރުގެ ތެރޭގައި 6 ޕްރޮގްރާމެއް ހިންގާފައިވާއިރު މި ޕްރޮގްރާމްތަކުގެ ދަށުން 628 ބެލެނިވެރިޔަކަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން މާލެއާއި އަތޮޅުތަކުގައި ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން 6 ޕްރޮގްރާމެއް ހިންގާފައިވާއިރު މި ޕްރޮގްރާމްތަކުގެ ދަށުން 228 މީހަކަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވާ ޑްރައިވަރުންނަށް އަމާޒުކޮށްގެން މިދިޔަ އަހަރުގެ ތެރޭގައި 5 ޕްރޮގްރާމެއް ހިންގާފައިވާއިރު މި ޕްރޮގްރާމްތަކުގެ ދަށުން 157 ޑްރައިވަރަކަށް މަޢުލޫމާތު ފޯރުކޮށްދީ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކޮށްފައިވެއެވެ. ހަމައެއާއެކު މިދިޔަ އަހަރުގެ ތެރޭގައި ޒުވާނުންނަށް އަމާޒުކޮށްގެން ހިންގި ޕްރޮގްރާމެއްގައި 30ށް ވުރެ ގިނަ ޒުވާނުންނަށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން ވަނީ މަޢުލޫމާތުދީފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ހިންގި ޕްރޮގްރާމްތަކަށް ބަލާއިރު އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން ފުލުހުންނަށް އަމާޒުކޮށްގެންވެސް ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ. އެގޮތުން 22 ޕްރޮގްރާމެއް ފުލުހުންނަށް ހިންގާފައިވާއިރު މި ޕްރޮގްރާމްތަކުގެ ދަށުން 823  ފުލުހަކަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މި ޕްރޮގްރާމްތަކުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މީޑިއާގެ އެކި ވަޞީލަތްތައް މެދުވެރިކޮށް އާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ އިތުރުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ.