ކުރެންދޫގައި ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި --
ކުރެންދޫގައި ހިންގި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތި --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޅ. ކުރެންދޫގެ ގެއެއް ބަލައިފާސްކޮށް މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ޅ. ކުރެންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޅ. ހިންނަވަރު ޕޮލިސް ސްޓޭޝަނާއި ކުރެންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ އުޅެމުންދާ ކޮޓަރި ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން ފެނުނު ދަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 112 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ  މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ. މިމައްސަލަ ކުރެންދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.