ނައިފަރުގައި ހިންގި ދެ އޮޕަރޭޝަނުގެ ތެރެއިން އެއް އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތައް --
ނައިފަރުގައި ހިންގި ދެ އޮޕަރޭޝަނުގެ ތެރެއިން އެއް އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތައް --

ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ ތަފާތު ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ޑިސެމްބަރު 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. ނައިފަރު ދެކުނު ފަރާތުނ އަތިރިމަތީގައި ބަޔަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 22 އަހަރުގެ ފިރިހެނެކެވެ.

މި ހަތަރު މީހުންވެސް ހައްޔަރުކޮށް އެމީހުންގެ ހަށިގަނޑާއި އެމީހުން އެވަގުތު ތިބި ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިންކޮޅާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވެއެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓަށް  ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައެވެ. އެގޮތުން 20 އަހަރުގެ މީހާއަށާއި 31 އަހަރުގެ މީހާއަށް 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 33 އަހަރުގެ މީހާއަށް 9 ދުވަސް އަދި 22 އަހަރުގެ މީހާއަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގެ އިތުރުން ނައިފަރު ފަޅު ގެއެއްގައި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްވާއި ބަނގުރާހުރިކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި މަޢުލޫމާތު ލިބުނު ފަޅުގެ ބަލައިފާސްކުރިއިރު ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެއްޗާއި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވެއެވެ. މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި ދެ މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.