މުލަކުން ހައްޔަރުކުރި ކުއްޖާގެ ދަބަހުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ  ސެލޯފިންކޮޅުތަކާއި ރަބަރު ޕެކެޓްތައް --
މުލަކުން ހައްޔަރުކުރި ކުއްޖާގެ ދަބަހުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ސެލޯފިންކޮޅުތަކާއި ރަބަރު ޕެކެޓްތައް --

މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު މ. މުލަކުން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. މިކުއްޖާ ހައްޔަރުކޮށްފައިވަނީ މާލެއިން މުލަކަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މުލަކު ޕޮލިސް ސްޓޭޝަނުން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

މި ކުއްޖަކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ ދަބަސްތެރެއިން ފެނުނު ކްރީމް ދެ ދަޅުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 22 ސެލޯފިންކޮޅާއި 36 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް މުލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 8 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ މުލަކު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.