Medical2

ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުންނަށް ފަސޭހަކަމާއެކު ބޭސްފަރުވާގެ ޚިދުމަތް ފޯރުކޯށްދިނުމުގެ މަޤުޞަދުގައި ފުލުހުންގެ މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް އޮންލައިންކޮށް އެދޭނެ ނިޒާމެއް ޤާއިމްކޮށް، އެނިޒާމް ތަޢާރަފްކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި މި ނިޒާމް ތަޢާރަފްކޮށްދެއްވީ ކޮމިޝަނަރ އޮފް  ޕޮލިސް އަޙްމަދު އަރީފްއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލްގެ އިސްވެރިންނާއި މެޑިކަލް ސަރވިސް ޑިޕާޓްމަންޓްގެ އިސްވެރިންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މިރަސްމިއްޔާތުގައި މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓްގެ އެކްޓިންގ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ސުޖާޢު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ޚިދުމަތާއެކު އޭޑީކޭއިން ޚިދުމަތް ހޯދުމަށްޓަކައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދޫކުރާ ސްލިޕް ހޯދާ އުފުލުމުގެ ސިލްސިލާއަށް ހުއްޓުމެއް އައިސް،  ކޮންމެ ތަނެއްގައި މުވައްޒަފު ހުރިނަމަވެސް އިންޓަނެޓާއި މޯބައިލް ފޯން އެޕް އަދި ފޯންކޯލް މެދުވެރިކޮށް އެ މުވައްޒަފަކު އަމިއްލައަށް ކްރިޓިޑް ސްލިޕަަށް  އެދެވޭނެކަމަށެވެ. އަދި ކްރެޑިޓް ސްލިޕަށް އެދުމުން އޭޑީކޭ ހޮސްޕިޓަލުގެ ކައުންޓަރު ތަކުން ފެންނާނެ އިންތިޒާމް މި ނިޒާމުގެ ތެރެއިން ޤާއިމްކުރެވިފައިވާކަމަށާއި މި ޚިދުމަތް  ކުރިއަށް އޮތްތަނުގައި އިތުރު ހޮސްޕިޓަލްތަކާއި ޕްރައިވެޓް ކްލިނިކްތަކަށް ފުޅާވެގެންދާނެކަމަށް ވިދާޅުވިއެވެ.

Medical1

ހަމައެއާއެކު އަތޮޅުތެރޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މާލޭގައި މަސައްކަތްކުރާ މުވައްޒަފުންނާ އެއް އުސޫލަކުން ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ޕޮލިސް މެޑިކަލް އިންފޮމޭޝަން ސިސްޓަމް ޤާއިމްކޮށް އަމިއްލަ ކްލިނިކް ތަކުންވެސް ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ޤާއިމްކުރެވިފައިވާ އެސްޓީއޯ ބޭސްފިހާރަތަކުން ފުލުހުންނަށް ކްރިޑިޓަށް ބޭސް ލިބޭނެ އިންތިޒާމާއި އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ ހޮސްޕިޓަލްތަކުންނާއި އެކި ފަންތީގެ ސިއްޙީ ސެންޓަރުތަކުން ފުލުހުންގެ ކްރެޑިޓް ސްލިޕް ޤަބޫލުކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވާކަމަށް ސުޖާޢު ވިދާޅުވިއެވެ.

މިއަދު ތަޢާރަފް ކުރި މި ނިޒާމުގެ ތެރެއިން އިންޓަރނެޓް، މޯބައިލް އެޕް އަދި ހޮޓްލައިން މެދުވެރިކޮށް މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެދުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މި ނިޒާމުގެ ތެރެއިން މިވަގުތު އޭޑީކޭ ހޮސްޕިޓަލުން ޚިދުމަތް ލިބުނު ނަމަވެސް ކުރިއަށް އޮތްތަނުގައި އެހެން ހޮސްޕިޓަލްތަކާއި ކުލިނިކްތަކުންވެސް ޚިދުމަތް ހޯދުމަށް އޮންލައިންކޮށް އެދުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓުން މަޢުލޫމާތު ދެއެވެ.