CP Cup Final6

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ސީއޯސީ ޕީސް މޭކަރސް އާއި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް ސީއޯސީ ހޯދައިފިއެވެ.

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ސީއޯސީ ޕީސް މޭކަރސް ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އައިޑީ ކުލަބާ ވާދަކުރި މެޗު 3-1 ސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓްގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު މި ސެޓް ކާމިޔާބުކުރީ އައިޑީ ކުލަބެވެ. މިސެޓް އައިޑީ ކުލަބުން ކާމިޔާބުކުރީ 26-24 އިންނެވެ.  ނަމަވެސް ދެވަނަ ސެޓް ފެށިގެން ލީޑު ނަގައި ސީއޯސީ ރަނގަޅަށް ކުޅެމުންދިޔުމުގެ ނަތީއަކަށްވީ މެޗުގެ ދެވަނަ ސެޓް 25-16 އިން ކާމިޔާބުކުރުމެވެ. އަދި މެޗުގެ ތިން ވަނަ ސެޓްގައި ސީއޯސީން ވަނީ ކުޅުން ރަނގަޅުކޮށް 25-14 ން ކާމިޔާބުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ފައިނަލް މެޗުގެ ހަތަރު ވަނަ ސެޓްގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަނަމަވެސް ސީއޯސީން މި ސެޓް ކާމިޔާބުކުރީ 25-20 ންނެވެ.

CP Cup Final1

އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ޓީމް ސީއޯސީ ހޯދީ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އެޗްޕީޕީ ކޮމްބައިން އާވާދަކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މިމެޗުގެ ސެޓްތައް ސީއޯސީން ކާމިޔާބުކުރީ 25-21، 25-23 އަދި 25-24 އިންނެވެ.

ފައިނަލް މެޗުތައް ނިމުމުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް ތައްޓާއި މެޑަލް އަދި ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

ފިރިހެން ޑިވިޜަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީއޯސީ ޕީސް މޭކަރސްގެ މުޙައްމަދު ނަޢީމްއެވެ. އަންހެން ޑިވިޜަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީމް ސީއޯސީގެ ސުހާނާ އަޙްމަދުއެވެ.

CP Cup Final2

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ސީއޯސީ ޕީސް މޭކަރސްގެ މުޙައްމަދު ހަމްދޫން އާއި މުޙައްމަދު ނަޢީމް އާއި ޙުސައިން ޙަމީދު އާއި އެސްއެސްޑީގެ އަހްމަދު ޝަރީފް އާއި އައިޑީ ކުލަބުގެ އަހްމަދު ފާރިޝް އަދި ޢަލީ މައުރޫފްއެވެ. ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ލިބަރޯގެ މަޤާމަށް އެސްއޯއާރުސީގެ ނިޝާތު ޢަލީ ހޮވުނުއިރު ފެއަރ ޕްލޭ ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެސްއެސްޑީގެ ޖައިލަމް މުޙައްމަދުއެވެ. ފިރިހެން ޑިވިޜަންގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ޓީމް އައިއެސްސީގެ އަޙްމަދު ރިފާޢު ހޮވުނުއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސީއޯސީ ޕީސް މޭކަރސްގެ މުޙައްމަދު ނަޢީމްއެވެ.

ފިރިހެން ޑިވިޜަންގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް އައިޑީ ކުލަބުގެ މެނޭޖަރު އާދަމް ޝިހާމް ހޮވުނުއިރު ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސީއޯސީ ޕީސް މޭކަރސްގެ ކޯޗު ޢަލީ އަޝްރަފްއެވެ. ފިރިހެން ޑިވިޜަންގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ޓީމް އައިއެސްސީއެވެ. އަދި ފިރިހެން ޑިވިޜަންގެ ތިން ވަނަ ޓީމަކީ އެސްއެސްޑީއެވެ.

CP Cup Final4

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ އެންމެ މޮޅު 6 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އެޗްޕީޕީ ކޮމްބައިންގެ މަރިޔަމް މިޒްނާ އާއި ހައްވާ ރާޝިދާ އާއި ޓީމް ސީއޯސީގެ އާގިލާ ހާމިދު އާއި ސުހާނާ އަޙްމަދު އާއި ލީލާ ހާމިދުގެ އިތުރުން ސީއައިސީ ކޮމްބައިންގެ އައިޝަތު ސަލްވާއެވެ. އަންހެން ޑިވިޜަންގެ ފެއަރޕްލޭ ކުޅުންތެރިޔާގެ މަޤާމަށް ޓީމް ސީއޯސީގެ ފާތިމަތު ޒީނިޔާ މޫސާ ހޮވުނުއިރު އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ އެޗްޕީޕީ ކޮމްބައިންގެ ހަމްނާ ޙުސައިން ޢަލީ ދީދިއެވެ

CP Cup Final3

. އަންހެން ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޓީމް ސީއޯސީގެ އާގިލާ ޙާމިދުއެވެ.

އަންހެން ޑިވިޜަންގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ޕީސީޑީގެ މެނޭޖަރު ފާތިމަތު ޝެނީން ހޮވުނުއިރު އަންހެން ޑިވިޜަންގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޓީމް ސީއޯސީގެ ކޯޗު ޚާލިދު މުޙައްމަދުއެވެ. އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކަށް ޕީސީޑީ ހޮވުނުއިރު އަންހެން ޑިވިޜަންގެ ތިން ވަނަ ޓީމަކީ ސީއައިސީ ކޮމްބައިންއެވެ.

CP Cup Final5

މީގެއިތުރުން އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ ސީޕީ ކަޕް ވޮލީބޯޅަ މުބާރާތް ހިންގުމުގައި އެހީތެރިވެދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައާއި ލިޔުން ދީފައެވެ. އަދި މުބާރާތުގައި ރެފްރީކަން ކުރި ފަރާތްތަކަށްވެސް ރޭ ވަނީ ހަނދާނީ ލިޔުން ދީފައެވެ.

ސީޕީ ކަޕް ވޮލީބޯޅަ މުބާރާތަކީ ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ފުލުހުންގެ މުއައްސަސާގެ އެކި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން  މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިން ބަދަހިކުރުމުގެ ގޮތުންނާއި ވޮލީކުޅޭނެ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ ގޮތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު 18 ން 26 އަށެވެ. އަދި އަންހެން ޑިވިޜަން ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު 23 ން 26 އަށެވެ. މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި ޖުމްލަ 11 ޓީމަކުން ބައިވެރިވެފައިވާއިރު އަންހެން ޑިވިޜަންގައި 5 ޓީމަކުން ބައިވެރިވެފައިވެއެވެ.