މާލެ-- ފޮޓޯ: ޕޮލިސް ފައިލް ފޮޓޯ
މާލެ-- ފޮޓޯ: ޕޮލިސް ފައިލް ފޮޓޯ

މި ދުވަސްވަރަކީ ސްކޫލުތަކުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވުމާއެކު ލިބޭ ބޮޑު ޗުއްޓީގައި ގިނަ ޢަދަދެއްގެ ބަޔަކު އެކި ދިމަދިމާއަށް ދަތުރުކުރާ ދުވަސްވަރެކެވެ. ގިނަ ޢަދަދެއްގެ ބަޔަކު ދިގު މުއްދަތަކަށް ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ގޮސް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގައި ހޭދަކުރާ ދުވަސްވަރުވެސްމެއެވެ.

އެހެންކަމުން ޗުއްޓީ ދިޔުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމުކަމަކަށްވާއިރު،  މިލިޔުމުގައި މި ފާހަގަކޮށްލަނީ ޗުއްޓީއަށް ދިޔުމުގެ ކުރިން ވިސްނާލުން މުހިންމު އަދި ސަމާލުކަންދޭންވީ ބައެއް ކަންކަމެވެ.

އެގޮތުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ ގޭގައި ހުންނަ އަގޮބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ބޮޑަށް ރައްކާކޮށް، ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ޗުއްޓީއަށް ދިޔުމުގެ ކުރިން ބޭންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ އެޅިދާނެ ފިޔަވަޅެކެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިއްމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާކުރުމާއި ޗުއްޓީގައި ހުރިނަމަވެސް ކޮންމެވެސް ފަރާތެއް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ގޭގެ ހާލަތު އޮޅުން ފިލުވުމަކީ ޗުއްޓީ ދުވަސްވަރު ކުރެއްވުން ރަނގަޅު ކަމެކެވެ.

މީގެއިތުރުން ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާ ގެ ބަލަހައްޓަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމުގެ އިތުރުން ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދުކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅުތަކެކެވެ.  އަދި ގެއިން ބޭރުގައި ބަހައްޓާފައިވާ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑު ފަދަތަކެތި ނުބެހެއްޓުމާއި ގޭގެ އެއްވެސް ދޮރެއް ތަޅު ހަލާކުވެފަ ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތެއްގެ އަތުގައި ރައްކާކުރުމަކީވެސް ކުރެވިދާނެކަމެކެވެ.