CP Meeting LSD

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ފުލުހުންގެ ލޮޖިސްޓިކަލް ސަރވިސަސް ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި އެޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު އިސްކަންދަރު ކޮށީގައި އޮތް މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ލޮޖިސްޓިކަލް ސަރވިސަސް ޑިޕާޓްމަންޓްގެ މަސައްކަތްތަކަކީ މުހިންމު މަސައްކަތެއްކަމަށާއި މި މަސައްކަތްތައް ކުރުމުގައި ލޮޖިސްޓިކަލް ސަރވިސަސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ މުވައްޒަފުން އަދާކުރާ ދަޢުރަކީވެސް ފާހަގަކޮށްލެވޭ ދަޢުރެއްކަމަށް ވިދާޅުވިއެވެ.

CP Meeting LSD2

ހަމައެއާއެކު ކޮންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް ، ކޮންމެ މަސްޢޫލިއްޔަތެއް އެ މުވައްޒަފަކާ ހަވާލުކުރެވިފައިވީނަމަވެސް އިޚްލާސްތެރިކަމާއި އިންސާފުވެެރިކަމާ އަމާނާތްތެރިކަމާއެކު މަސައްކަތްކުރުމަށް އެދިލެއްވިއެވެ.  އަދި ކުރާ މަސައްކަތްތައް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ ވިސްނުން ކޮންމެ މުވައްޒަފެއްގެ ކިބާގައި ހުންނަންވާނެކަމަށާއި މި މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ވިސްނުން ކޮންމެ މުވައްޒަފެއްގެ ކިބާގައި އަބަދުވެސް ހުންނަންޖެހޭނެކަމަށް ވިދާޅުވިއެވެ.  މީގެއިތުރުން ކޮންމެ މުވައްޒަފަކީ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ އަދި ގިނަ ޒިންމާތަކެއް އަދާކުރާ ބައެއްކަން ފާހަގަކުރައްވައި، ކޮންމެ މުވައްޒަފަކުވެސް ދީނީ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެވައި، އެއްބަޔަކު އަނެއްބަޔަކަށް އަޅާލައި ހެދިފައިވާ އުސޫލުތައް ހިފަހައްޓައި އިޚްލާސްތެރިކަމާއެކު މަސައްކަތްކުރުމުގައި ދެމިހުރުމަށް އެދިވަޑައިގެންނެވިއެވެ.

CP Meeting LSD3

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވަނީ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާ ގުޅޭ މަޢުލޫމާތު ހޯއްދަވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވަނީ ލޮޖިސްޓިކަލް ސަރވިސަސް ޑިޕާޓްމަންޓްގެ އެކި ޔުނިޓްތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި ކުރާ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ލޮޖިސްޓިކަލް ސަރވިސަސް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް މަނިކު އާއި ލޮޖިސްޓިކަލް ސަރވިސަސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އޮފިސަރުންނާއި ލޮޖިސްޓިކަލް ސަރވިސަސް ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެލެއްވިއެވެ.