feridhoo

އއ.ރަސްދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައި، ޖެންޑަރ މިނިސްޓްރީ އާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ގުޅިގެން، އއ.ފެރިދޫ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގައި ފެރިދޫ ސްކޫލުގެ ގްރޭޑް 1 އިން 5 އާއި ދެމެދުގެ ދަރިވަރުންނަށް ރަނގަޅު އާދަތަކާއި ނުރަނގަޅު އާދަތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތު ދިނުމުުގެ ސެޝަނެއް ނަގައިދީފައިވެއެވެ.މިގޮތުން މި ސެޝަންގައި ސާފްތާޙިރުކަމާއި ރަނގަޅު އަޙްލާޤާއި ރީތި ސިފަތައް ދަރިވަރުންނަށް ބުނެދީފައިވެއެވެ.

މިޕްރޮގްރާމުގެ ދަށުން ގްރޭޑް 06 ން 09 އާއި ދެމެދުގެ ދަރިވަރުންނަށް ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާގެ މައްސަލަތަކާއި  ލައިފް ސްކިލްސް އާއި ގުޅޭ ގޮތުން މަޢުލޫމާތުދީފައިވެއެވެ. މިގޮތުން ފުރާވަރަށް އަރަމުން އަންނަ އުމުރުގެ ދަރިވަރުންނަށްވީތީ ސަމާލުވާންޖެހޭ ކަންކަމާއި މުޖުތަޢުގައި ހުރި އެ އުމުރުގެ ކުދިންގެ މައްސަލަތަކާއި އެމައްސަލަތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.

 ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގެ އިތުރުން އއ.ފެރިދޫ ސްކޫލްގެ ދެ ޖިންސްގެ ބެލެނިވެރިންނަށް ވަނީ ދަރިން ތަރުބިއްޔަތު ކުރުމުގެ ރިވެތި އަދަބުތައް ދަސްކޮށްދިނުމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަނުގައި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތްތަކާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބައެއްފަހަރު ހެދޭ ގޯސްތަކުން ނުވަތަ އިޙްމާލުތަކުގެ ސަބަބުން ނިކުންނަ ނަތީޖާތަކާއި، ދަރިން ދީނީ ކަންކަމަށް ޝައުޤުވެެރިކަން އުފެއްދުމުގެ ގޮތުުން ކުރެވޭނެ ކަންކަމާއި ދަރިން ގޯސްމަގުތަކުން ދާނަމަ އެކަންކަން ހުއްޓުވުމަށް ކުރެވޭ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. ހަމައެއާއެކު  މި ޕްރޮގްރާމުގެ ތެރެއިން ވަނީ އއ.ފެރިދޫ ސްކޫލްގެ އެލްކޭޖީއާއި  ޔޫކޭޖީގެ ދަރިވަރުންނަށް ރަނގަޅު އާދަތަކާއި ނުރަނގަޅު އާދަތަކާ ގުޅޭގޮތުން މުހިންމު މަޢުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމުގެ ސެޝަންތަކުގައި މަޢުލޫމާތު ދީފައިވަނީ ޖެންޑަރ މިނިސްޓްރީ އާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މިފަދަ ސެޝަންތައް ނަގައިދިނުުގެ ތަޖުރިބާހުރި މުވައްޒަފުންނެވެ.