PLC

ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ 3 ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޕޮލިސް ކުލަބް ފުޓްބޯޅަ ޓީމަށް ބިދޭސީ ތިން ކުޅުންތެރިޔަކު ގެނެސްފިއެވެ.

ޕޮލިސް ކުލަބަށް ގެނެސްފައިވަނީ ތަޒަކިސްތާނުގެ މިޑްފީލްޑަރަކާއި ދެ ޑިފެންޑަރުންނެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން މިޑްފީލްޑަރަކީ ބޮބީވް ފިރުޒްއެވެ. އޭނާއަކީ ތަޒަކިސްތާނުގެ ދެވަނަ ލީގުގައި ކުޅެމުންދިޔަ ކުޅުންތެރިޔެކެވެ. ދެ ޑިފެންޑަރުންނަކީ ފުޒެލޯވް މުޒަފަރުއާއި ޝަމްސީވް ފިރުޒްއެވެ. މި ދެކުޅުންތެރިންގެ ތެރެއިން މުޒަފަރަކީ ތަޒަކިސްތާނު ޤައުމީ ޓީމަށް ކުޅެފައިވާއިރު އެޤައުމުގެ ލީގުގައި ކުޅެމުންދާ ކުޅުންތެރިއެވެ. އަދި ފިރުޒްއަކީވެސް އެޤައުމު ލީގުގައި ކުޅެމުންދާ ކުޅުންތެރިޔެކެވެ.

PLC2

މި ތިން ކުޅުންތެރިންވެސް  ރާއްޖެ އައިސް ޕޮލިސް ކުލަބުގެ ފަރިތަކުރުންތަކުގައި މިހާރު ދަނީ ބައިވެރިވަމުންނެވެ.

ޕޮލިސް ކުލަބުން މަޢުލޫމާތު ދޭގޮތުގައި ޓީމު އިތުރަށް ވަރުގަދަކުރުމުގެ މި ތިން ކުޅުންތެރިންގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިޔަކު ގެނައުމަށް ހަމަޖެހިފައިވާކަމާއި އެގޮތުން ގެނައުމަށް ހަމަޖެހިފައިވަނީ ދެ ޑިފެންޑަރުންކަމަށެވެ. މި ދެކުޅުންތެރިނަކީވެސް ތަޒަކިސްތާނުގެ ލީގުގައި ކުޅެމުންދާ ގާނާގެ ކުޅުންތެރިޔަކާއި ތަޒަކިސްތާނުގެ ގެ ކުޅުންތެރިޔެއްކަމަށެވެ.

PLC3

ތިން ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރަތަށް ތައްޔާރުވުމަށް ޕޮލިސް ކުލަބުން ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަދި ޕޮލިސް ކުލަބުގެ ސްކޮޑް އެކުލަވާލައި ކޯޗު ހަމަޖައްސައި، ކޯޗުގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ފަށާފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.

ޕޮލިސް ކުލަބުގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިދިޔަ އަހަރާއި މިއަހަރު ވީކޭ ސްޕޯޓްސް ކުލަބަށް ކޯޗުކަން ކޮށްދީފައިވާ އަދި މިހާރު މާޒިޔާ ސްޕޯޓްސް ކުލަބުގެ އެކަޑަމީގެ ހެޑް ކޯޗުކަން ކުރަމުންދާ އިބްރާހިމް ޝާފިޢު (ސާއްކޮ) އެވެ.

ތިން ވަނަ ޑިވިޜަން ފުޓްބޯޅަ މުބާރާތް މާދަމާ ފަށާއިރު ޕޮލިސް ކުލަބުން ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ޔޫއެން ފްރެންޑްސް އާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 5 ވަނަ ދުވަހުގެ ހަވީރު 16:00 ގައި އެފްއޭއެމް ޓާފް ދަނޑުގައެވެ.