ގުރުލުމުގެ ރަސްމިއްޔާތުގެ ތެރެއިން --

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓަށް ކުޅޭވޭ ސީޕީ ކަޕް ބަށިބޯޅަ މުބާރާތުގެ ގުރުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ރޭ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ކުލަބުގެ ނައިބު ރައީސް ޢަބްދުލް މަތީން ޢަބްދުލް ކަރީމް އާއި، ޕޮލިސް ކުލަބުގެ ޖެނެރަލް ސެކްރެޓަރީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ އިބްރާހިމް އާއި، ނޭޝަނަލް ބަށިބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާއި، ޕޮލިސް ކުލަބުގެ ހިންގާ ކޮމިޓީގެ މެމްބަރުންނާއި، ސީޕީ ކަޕް ބަށިބޯޅަ މުބާރާތުގައި ބައިވެރިވި ޓީމުތަކުން ބައިވެރިވެފައިވެއެވެ.

ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން، ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަންއާ ގުޅިގެން ބާއްވާ މި ބަށި ބޯޅަމުބާރާތަކީ ފުލުހުންގެ މުއައްސަސާގެ ޑައިރެކްޓްރޭޓްތަކާއި، ކޮމާންޑް ތަކާއި، ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މުބާރާތުގައި ޖުމްލަ 8 ޓީމަކުން ބައިވެރިވެފައިވެއެވެ. އެޓީމުތަކަކީ، ޓީމް ސީ އައި ސީ އާއި، ފޮރެންސިކް ފްރެންޑްސް އާއި، ޓީމް ކަސްޓޯޑިއަލް އާއި، ޓީމް އެސް އެސް ޑީ އާއި، ސީ އޯސީ އާއި، ޓީމް ސީ ބީ އާއި، 119 އާއި، އެން އޯ ސީ، އެސް އޯ ސީ އަދި ޕީ އޭ ޑީ ކޮމްބައިންއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޓީމް ކަސްޓޯޑިއަލް އާއި، ޓީމް އެސް އެސް ޑީއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ ބަށިބޯޅަ މުބާރާތަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތަށްޓަށް ކުޅޭ ފުރަތަމަ ބަށި މުބާރާތެވެ.