MPS2253

ވިޔަފާރިކުރުމުގައާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާ ކުރެވޭ ވިޔަފާރީގެ އެކި މުޢާމަލާތްތަކުގައި މަކަރުވެރި ޢަމަލުތައް ހިންގުން މިފަހަކަށް އައިސް މިވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ ފަރާތްތަކާ ގުޅިގެން ހިންގާ ވިޔަފާރިތަކުގައި އެކި ޚިދުމަތްތަކަށް އެފަރާތްތަކަށް ފައިސާ ދެއްކުމުގެ ގޮތުން މުޢާމަލާތް ކުރުމާއި ޚިދުމަތްދޭ ފަރާތާ ގުޅުމެއް ނެތް އެކައުންޓްތަކަށް ފައިސާ ޓްރާންފަރ ކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

ފާއިތުވި މަސްތަކުގައި މިބާވަތުގެ މައްސަލަތައް ފުލުހުންގެ ސައިބަރ ކްރައިމް އިންވެސްޓިގޭޝަން ޔުނިޓަށް ހުށަހެޅިފައިވާ މިންވަރު އިތުރުވެގެން ގޮސްފައިވާއިރު، ތަހުޤީޤު ކުރަމުންދާ މިބާވަތުގެ އެކި މައްސަލަތަކުގައި، ކޮށްފައިވާ ތަފާތު މުޢާމަލާތްތަކުގެ އަގު ޖުމްލަ 638،168 ޔޫއެސް ޑޮލަރަށް އަރައެވެ.

މިފަދަ މަކަރުވެރި ޢަމަލުތައް ހިންގުމުގައި ބޮޑަށް ޙަރަކާތެރިވަނީ ރާއްޖެއިން ބޭރުމުގެ އެކި ފަރާތްތަކާ ގުޅިގެން ކުރެވޭ ވިޔަފާރިތަކުގެ ތެރެއިންކަމަށްވާއިރު، މިފަދަ ޢަމަލުތަކުގެ ނުރައްކާ އެންމެ ބޮޑުކަމަށް ފާހަގަކުރެވިފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރީގެ ގުޅުން ދަމަހައްޓަމުން ދާ ފަރާތްތަކަށެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުން އެފަދަ ގުޅުންތަކުގެ ފައިދާ ނަގައި، ބޮޑެތި އަދަދުތަކުން ފައިސާ ޓްރާންފަރކޮށްފައި ހުންނަކަންވެސް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ވިޔަފާރީގެ މުޢާމަލާތްކުރާ އީމެއިލްއަކީ ރަނގަޅު އީމެއިލްތޯ ޔަޤީން ނުކޮށް އެފަރާތްތަކާ މުޢާމަލާތްކުރުމާއި، މުދަލަށް އޯޑަރު ދިނުމަށްފަހު ފައިސާ ޓްރާންފަރކުރަންޖެހޭ ހިސާބަށްގޮސް، ފައިސާ ޓްރާންފަރ ކުރަންޖެހޭ އެކައުންޓަކީ މުދަލަށް އޯޑަރުދިން ކުންފުނީގެ އެކައުންޓްތޯ ޔަޤީންނުކޮށް ފައިސާ ފޮނުވުމަކީ މިފަދަ މައްސަލަތައް ހިނގަން މެދުވެރިވާ ސަބުބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މިމައްސަލަތަކަކީ ވިޔަފާރިކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ޚާއްޞަ ސަމާލުކަމެއް ދެއްވައިފިނަމަ ހުއްޓުވިދާނެ މައްސަލަތަކެކެވެ. މިގޮތުން ގިނަ ދުވަސްތަކެއް ވަންދެން ވިޔަފާރީގެ ގުޅުން ދަމަހައްޓައި އިތުބާރު އޮތްކަމުގައިވީނަމަވެސް މުޢަމަލާތްކުރާ އީމެއިލް ވަކިން ޚާއްޞަކޮށް ފައިސާ ފޮނުވާ އެކައުންޓްގެ މަޢުލޫމާތު ބަދަލުވެފައިވާނަމަ ފައިސާ ފޮނުވުމުގެ ކުރިން އެ އެކައުންޓަކީ ފައިސާ ފޮނުވަންޖެހޭ ފަރާތުގެ އެކައުންޓްތޯ އެފަރާތަކާ ގުޅައިގެން ޔަޤީންކުރެއްވުމަށްފަހު ފައިސާގެ މުޢާމަލާތް ކުރެއްވުމަކީ މިފަދަ މައްސަލަތައް ހުއްޓުވައި، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.