ihadhdhoo

ލ.ގަން ޕޮލިސް ސްޓޭޝަނުން ލ.ގަން އިހައްދޫ ސުކޫލާއި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ލ.އަތޮޅު ތަޢުލީމީ މަރުކަޒާއި އިހައްދޫ ސުކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ސައިބަރ ބުލީން އާއި ސައިބަރ ކުރައިމްސްގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މިގޮތުން އިންޓަރނެޓް ބޭނުންކޮށްގެން ހަނގާކުރުމުގެ މައްސަލަތަކާއި އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ ކަންކަމުން ސަލާމަތްވާނެ ގޮތްތަކުގެ އިތުރުން  އިންޓަރނެޓް ބޭނުންކޮށްގެން ހިންގާ ކުށްތަކުން ސަލާމަތްވެ ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި އިންޓަރނެޓް ބޭނުންކުރުމުގައި ދަރިވަރުން ސަމާލުވާންވީ ގިނަ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އެ ދެސްކޫލުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި މަޢުލޫމާތު ދެއްވީ ލ.ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ. މި ސެޝަންތައް ކުރިއަށް ގެންދިޔުމުގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒާއި އިހައްދޫ ސުކޫލުގެ ފަރާތުން ފުލުހުންނަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވެއެެވެ.