Amaanveshi01

ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތައް އެއްކުޑައެއްގެ ދަށަށް ގެނެސް މިއަހަރު އަލަށް ފެށި “އަމާންވެށި” ކެމްޕެއިންގެ ދަށުން ތ. ތިމަރަފުށީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ މަހުގެ 21 ން 29 އަށް ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަށް އެރަށުން ބޮޑު ތަރުހީބެއް ފުލުހުންނަށް ލިބިފައިވާއިރު، މިޕްރޮގްރާމުގެ ދަށުން ސްކޫލު ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ސްކޫލުގެ ބެލެނިވެރިންނަށާއި، ރަށުގެ ރައްޔިތުންނަށް އަދި ޒުވާނުންނަށް ތަފާތު ޕްރޮގްރާމްތައްވަނީ ހިންގާފައެވެ. މި ޕްރޮގްރާމުގެ ދަށުން ހިންގި ޙަރަކާތްތަކުގައި ގިނަ ޢަދަދެއް ސްކޫލު ދަރިވަރުންނާއި، ގިނަ ޢަދަދެއްގެ ރައްޔިތުން އަދި ޒުވާނުން  ބައިވެރިވެފައިވެއެވެ.

Amaanveshi02

އަމާންވެށި ޕްރޮގްރާމުގެ ދަށުން ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ތަފާތު ތިން ކޭމްޕެއް ވަނީ ހިންގާފައެވެ. އެގޮތުން ޕްރައިމަރީ ގްރޭޑްތައް ކަމަށްވާ ގްރޭޑް 1، 2، 3 ގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން “ފުރަތަމަ ފިޔަވަޅު” ގެ ނަމުގައި ކުރިއަށް ގެންދިޔަ ކޭމްޕަކާއި ގްރޭޑް 4، 5، 6 ގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން “ކުރިމަގު” ގެ ނަމުގައި ކުރިއަށް ގެންދިޔަ ކޭމްޕެއްގެ އިތުރުން ސާނަވީ މަރުޙަލާއަށް ޚާއްޞަ ކޮށްގެން “ފުރާވަރު” މިނަމުގައި ކޭމްޕެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކޭމްޕުތަކުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ޖުމްލަ 207 ދަރިވަރަކު ބައިވެފައިވެއެވެ.

Amaanveshi03

ބޭންކް އޮފް މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސްއާއި، އެސްޓީއޯއާއި،  މެޕްސްއާއި، ދިރާގުގެ އިތުރުން ޓާނިންގ ސްޓޯންސްގެ އެހީތެރިކަމާއެކު 10 ދުވަހުގެ މުއްދަތަށް ހިންގި އަމާންވެށި ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، ޕްރޮގްރާމް ނިންމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ. މިރަސްމިއްޔާތުގއި ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓްގެ އިސްވެރިންނާއި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރާއި ތ. އަތޮޅު ކޮމާންޑަރާއި ތިމަރަފުށީގައި ހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އަމާންވެށި ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތުގައި ވަނީ ކުރިމަގު ކޭމްޕާއި ފުރާވަރު ކޭމްޕުގެ ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ތޮފި ހަވާލުކޮށްފައެވެ. އަދި މިރަސްމިއްޔާތުގައި އަމާންވެށި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކަށްވެސް ހަނދާނީ  ލިޔުން ދީފައިވެއެވެ.