Meeting

މާލެއާއި އަތޮޅުތަކުގައި ހިނގާ ކުށްކުރުމުގެ މިންވަރު މަދުކުރުމަށާއި، ޚާއްޞަކޮށް ނުރައްކާތެރި ކުށްތައް މަދުކުރުމަށް ފުލުހުންނާއި ކަމާގުޅުންހުރި ސަރުކާރުގެ އެހެން މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ ނުރައްކާތެރި ކުށްކުރާ ފަރާތްތަކާއި، ޚާއްޞަކޮށް ކުށްތަކަށް އަރައިގަންނަ ކުޑަކުދިން އެފަދަ ކުށްތައް ކުރުން ހުއްޓުވައި އެފުރުޞަތު ނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި މުސްތަޤުބަލުގައި މިފަދަ ކުށްތައް މަދުކުރުމަށް ފުލުހުންނާއި ކަމާގުޅުންހުރި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އެގޮތުން ކުށްކުރުން ހުއްޓުވުމަށް މުއައްސަސާތަކުން މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެކަންކަން ތަންފީޒްކުރުމާއި، މުއައްސަސާތަކުގެ މެންޑޭޓްތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން މުސްތަޤުބަލުގައި ރަނގަޅުކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި މީގެ އިތުރަށް  މުއައްސަސާތަކުގެ ގުޅުން މިހާރަށްވުރެ ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި ފުލުހުންގެ އިތުރުން ޝަރުޢީ ކޯޓުތަކާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމީލީ އާއި ސަރުކާރުގެ ކަމާގުޅުންހުރި އެހެން މުއައްސަސާތަކުން ބައިވެރިވިއެވެ.