COC Headcup2

ސެންޓްެރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ތެރެއިން އަޚްލާޤު ރަގަޅު ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ބާއްވާ ސީލައިފް ގްލޯބަލް ސީއޯސީ ހެޑްކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނަރ ރޫމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދުއެވެ.

މިރަސްމިއްޔާތުގައި ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގެ ރޫޙާ ހިލާފުނުވާގޮތަށް ކުޅުންތެރިންގެ ޢަމަލުތައް ބެހެއްޓުމަށާއި ސަޕޯޓަރުންވެސް ޓީމަށް ތަރުޙީބު ދިނުމުގައި ކުޅިވަރުގެ ރޫޙާ އެއްގޮތަށް ސަޕޯޓްދިނުމަށް އެދިލެއްވިއެވެ.

ގުރުލުމުގެ ރަސްމިއްޔާތުގައި ވަނީ މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ސީނިއަރ އޮފިސަރުންގެ މެޗުގައި ކުޅޭ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފައެވެ.

COC Headcup

ސެޕްޓެމްބަރު މަހުގެ 28 ން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 19 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އަންހެން ޑިވިޜަންގައި 4 ޓީމެއް ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޜަންގައި 15 ޓީމަކުން ބައިވެރިވެފައިވެއެވެ.

ސީލައިފް ގްލޯބަލް ސީއޯސީ ހެޑްކަޕްގެ އަންހެން ޑިވިޜަންގައި ކުޅުމަށް ހަމަޖެހިފައިވަނީ ފުޓްސަލްއެވެ. އަދި ފިރިހެން ޑިވިޜަންގައި ކުޅުމަށް ހަމަޖެހިފައިވަނީ 8 އަ ސައިޑެވެ. މި މުބާރާތުގެ އަންހެން ޑިވިޜަން ކުރިއަށްދާނީ ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާގޮތަށެވެ. އަދި ފިރިހެން ޑިވިޜަން ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ކުއާޓަރ ފައިނަލަށް ދާގޮތަށެވެ.

COC Headcup1

ސެންޓްެރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ތެރެއިން އަޚްލާޤު ރަގަޅު ބަޔަކަށް ހެދުމުގެ  މަޤުޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި އެކޮމާންޑްގައި ހިމެނޭ މާލެސިޓީ ޕޮލިސް އާއި ހުޅުމާލެ ޕޮލިސް އާއި އިންޑަސްޓްރިއަލް ސެކިއުރިޓީ ޑިޕާޓްމަންޓާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓް އަދި ސްޕެޝަލިސްޓް އޮފަރޭޝަންސް ޑިޕާޓްމަންޓުން ޓީމްތައް ބައިވެރިވެއެވެ.

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ހެޑް ކަޕް ސްޕޮންސަރ ކޮށްފައިވަނީ ސީލައިފް ގްލޯބަލްއިންނެވެ. ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން މިދިޔަ އަހަރު ވަނީ އެސްއޯސީ އޮޕްސް ކޮމާންޑަރސް ކަޕްގެ ނަމުގައި މިފަދަ މުބާރާތެއް ބާއްވާފައެވެ.