މިދިޔަ އަހަރު ބޭއްވި އެސްއޯސީ އޮޕްސް ކޮމާންޑަރސް ކަޕްގެ ތެރެއިން -- ޕޮލިސް ފައިލް ފޮޓޯ
މިދިޔަ އަހަރު ބޭއްވި އެސްއޯސީ އޮޕްސް ކޮމާންޑަރސް ކަޕްގެ ތެރެއިން -- ޕޮލިސް ފައިލް ފޮޓޯ

ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑްގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތް މިއަންނަ ބުރާސްފަތި ދުވަހުގެރޭ ފަށާނެއެވެ.

ސެޕްޓެމްބަރު މަހުގެ 28 ން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ސެންޓްެރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ކުޅިވަރުގެ ތެރެއިން އަޚްލާޤު ރަގަޅު ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ތީމް ސޯންގ ތަޢާރަފުކުރުމާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގައި މަސައްކަތްކުރާ ސީނިއަރ އޮފިސަރުންގެ ޙާއްޞަ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ހެޑް ކަޕްގައި އެކޮމާންޑްގެ 5 ޑިޕާޓްމަންޓަކުން ޖުމްލަ 20 ޓީމު ބައިވެރިވެފެއެވެ. ދެ ޑިވިޜަނަކަށް ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޜަންގައި 4 ޓީމެއް ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޜަންގައި 16 ޓީމެއް ބައިވެރިވެފައިވެއެވެ.

ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ހެޑް ކަޕް ސްޕޮންސަރ ކޮށްފައިވަނީ ސީލައިފް ގްލޯބަލްއިންނެވެ. ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން މިދިޔަ އަހަރު ވަނީ އެސްއޯސީ އޮޕްސް ކޮމާންޑަރސް ކަޕްގެ ނަމުގައި މިފަދަ މުބާރާތެއް ބާއްވާފައެވެ.