lAAMU3

ވެލާ އާއި ކަހަނބަށް ރައްކާތެރި މާޙައުލެއް ލ. އަތޮޅުގައި އޮތުމަށް ފުރުސަތުދީ އެކަންކަމަށް ހޭލުންތެރިކުރުމުގެ ގޮތުން، ލ. އަތޮޅުގައި ހިންގަމުންދާ ރިޒޯޓެއްކަމަށްވާ ސިކްސް ސެންސަސް ލާމުން އިސްނަގައިގެން ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ފެސްޓިވަލެއް ބާއްވައިފިއެވެ.

"ޓާޓަލްސް އިން ލާމު – ސޭފް އެންޑް ޕްރޮޓެކްޓެޑް" މި ނަމުގައި  އިއްޔެ ލ. ގަން މުކުރިމަގު އަތިރިމަތި ސަރަޙައްދުގައި ބޭއްވި މި ފެސްޓިވަލް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި ފެސްޓިވަލް ހުޅުއްވައި ދެއްވީ ޢަބްދުލް ޤަފޫރު ޢަލީ (ގައްބެ) އެވެ.

laamU1

މި ފެސްޓިވަލުގައި ވެލާ އާއި  އާއި ކަހަނބު ހިމާޔަތްކުރުމާއި ވެލާ ކަހަނބަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދިނުމަށް ލ. އަތޮޅުގެ އެކި މުއައްސަސާތަކުންނާއި ކުންފުނިތަކުން ވަނީ ސްޓޯލްތަކެއް ތައްޔާރުކޮށްފައެއެވެ. އަދި އެކި ކުޅިވަރުގެ ޙަރަކާތްތަކާއި އުކާލެވޭ  ތަކެތި ބޭނުންކޮށްގެން ވެލާ އާއި ކަހަނބުތައް ހަދައި ސްޓޯލްތަކުގައި ބަހައްޓާފައިވެއެވެ. މީގެއިތުރުންވެސް ލ. އަތޮޅުގެ ފަޅު ރަށްރަށުންނާއި އެރަށްރަށުގެ ފަޅު ތެރެއިން ފެނިފައިވާ ވެލާ ކަށިތަކާއި ވެލާގެ ބައިތައް ފެންނާނެހެން ސްޓޯލެއް ޤާއިމްކޮށްފައިވާއިރު މި ސްޓޯލުގައިވަނީ ވޮލެންޓަރީ ޕްލެޖްއެއްގައި ސޮއިކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

މި ފެސްޓިވަލްގެ ތެރެއިން ވަނީ ފެސްޓިވަލުގައި ބައިވެރިވި ސްކޫލުތަކަށް ސޭންޑް ސްކަލްޕްޗަރ މުބާރާތަކާއި ކްރިއޭޓިވިޓީ މުބާރާތެއްގެ އިތުރުން ކުރެހެމުގެ މުބާރާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.  އެގޮތުން މި މުބާރާތްތަކުގައި ލ. އަތޮޅުގެ 13 ސްކޫލެއްގެ ތެރެއިން 12 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މި މުބާރާތްތަކުގެ އިތުރުން ބައިވެރިވި ސްކޫލުތަކުގެ ދަރިވަރުން ހުށަހަޅައިދިން އެކި ކަހަލަ ސްޓޭޖް ޙަރަކާތްތައްވެސް ފެސްޓިވަލް ކުރިއަށް ދިޔައިރު އެސަރަޙައްދުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

lAAMU

މި ފެސްޓިވަލާއި ގުޅުވައިގެން ބޭއްވި ކުރެހުމުގެ މުބާރާތުން އެއްވަނަ ސްކޫލަކަށް އިހައްދޫ ސްކޫލު ހޮވުނުއިރު ސޭންޑް ސްކަލްޕްޗަރ މުބާރާތުން އެއް ވަނަ އަށް ހޮވުނީ މުކުރިމަގު ސްކޫލެވެ. އަދި ފެސްޓިވަލުގައި ކުރިއަށް ގެންދިޔަ ކްރިއޭޓިވިޓީ މުބާރާތުން އެއް ވަނަ އަށް ހޮވިފައިވަނީ ލ. އަތޮޅު ތަޢުލީމީ މަރުކަޒެވެ.

ވެލާ އާއި ކަހަނބު ޙިމާޔަތްކޮށް އެތަކެއްޗަށް ރައްކާތެރި މާޙައުލެއް ލ. އަތޮޅުގައި އޮތުމަށް ފުރުޞަތުދީ އެކަންކަމަށް ހޭލުންތެރި ކުރުމުގެ ގޮތުން ލ. އަތޮޅުގައި “ޓާޓަލްސް އިން ލާމު – ސޭފް އެންޑް ޕްރޮޓެކްޓެޑް” ފެސްޓިވަލް ބާއްވާ މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރު މި ފެސްޓިވަލް ބާއްވާފައިވަނީ ލ. މާވަށުގައެވެ.