Thimarafushi

އަމާންވެށި ޕްރޮގްރާމްގެ ދަށުން ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިމަހުގެ  21 ން 23 އަށް ކުރިއަށް ގެންދިޔަ ސްކޫލް ކޭމްޕްތަކުގެ ބައި އިއްޔެގެ ނިޔަލަށް ނިންމާލިއިރު ސްކޫލް ދަރިވަރުންނަށް މުހިންމު ގިނަގުނަ ފިލާވަޅުތަކެއް މިކޭމްޕްތަކުގެ ތެރެއިން ދަރިވަރުންނަށް ކުރިއަށް ގެންގޮސްފިއެވެ.

ދަރިވަރުންގެ ޢުމުރު ފުރައާއި ގުޅޭ ގޮތަށް ބައްޓަންކޮށްގެން ކުރިއަށް ގެންދާ މި ކޭމްޕްތަކުގެ ތެރެއިން “ފުރާވަރު” ކޭންޕް ގްރޭޑް 8، 9، 10 ގެ ދަރިވަރުންނަށް ޚާއްޞަކޮށްފައިވާއިރު މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަރިވަރުން 3 ދުވަހު ކޭމްޕްވެެގެން ތިބެއެވެ. މި ކޭމްޕްގައި ފުރާވަރު ޢުމުރުގެ ކުދިންނަށް ބޭނުންވާނެ ގިނަގުނަ އިރުޝާދުތަކާއި މަޢުލޫމާތުތަކާއި ފިލާވަޅުތައް ހިމަނާފައިވެއެވެ. އެގޮތުން ރިވެތި އަދަބުތަކާއި، މަގުމަތީގެ އަދަބުތަކާއި، ޤައުމިއްޔަތު ބިނާކުރުމާއި، ޒިންމާދާރުވުން ފަދަ މުހިންމު ބައިތައް ހިމަނާފައިވެއެވެ.

މީގެ އިތުރުންވެސް ދީނީ ހޭލުންތެރިކަން އިތުރުކުމާއި ރައްކާތެރި ގޮތުގައި އިންޓަރނެޓް ބޭނުންކުރާނެ ގޮތްތައް ބުނެދިނުމުގެ އިތުރުން ފުރާވަރުގެ ކުދިންނަށް އެނގެން މުހިންމު އެހެނިހެންމަޢުލޫމާތުތައްވެސް މިކޭމްޕުގެ ތެރެއިން ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައިވެއެވެ. މިކޭމްޕްގައި ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8، 9، 10 ގެ ޖުމްލަ 68 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއީ 31 ފިރިހެން ދަރިވަރުންނާއި 37 އަންހެން ދަރިވަރުންނެވެ.

ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އެހެން ކޭމްޕުތަކުގެ ތެރޭގައި ހިމެނޭ ގްރޭޑް 1، 2، 3 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފުރަތަމަ ފިޔަވަޅު ކޭމްޕާއި، ގްރޭޑް 4، 5، 6 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ކުރިމަގު ކޭމްޕުވެސް މިހާރު ވަނީ ނިންމާލާފައެވެ.  ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ވަކިވަކިން ކުރިއަށް ގެންދިޔަ މި ދެ ކޭމްޕުގެ ތެރެއިން ފުރަތަމަ ފިޔަވަޅު ކޭމްޕްގައި 66 ދަރިވަރުންނާއި، ކުރިމަގު ކޭމްޕްގައި 61 ދަރިވަަރުން ބައިވެރިވެ ކާމިޔާބު ކަމާއެކު ކޭމްޕް ފުރިހަމަކޮށްފައިވެއެވެ. މި ދެ ކޭމްޕްގައިވެސް ކުދިންގެ ޢުމުރާ ގުޅޭ ގޮތަށް ބައްޓަންކޮށްގެން ގިނަގުނަ މަޢުލޫމާތު ތަކާއި އިރުޝާދުތަކެއް ފޯރުކޮށްދީފައިވެއެވެ. އެގޮތުން ރިވެތި އަޚްލާޤާއި އަދަބުތައް ބުނެދިނުމުގެ އިތުރުންވެސް އަމިއްލަ ސަލާމަތަށް ރައްކާތެރިވުމުގެ މުހިންމުކަމާއި އެގޮތުން ކުރެވެން ހުރި ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދެވިފައިވެއެވެ.

 މި ޕްރޮގްރާމަކީ މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުށްމަދުކުރުމަށް ފުލުހުން މިއަހަރު ކުރިއަށް ގެންދާ ކުށުން ދަފަރާކުރުމުގެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްމާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ބޭންކް އޮފް މޯލްޑިވްސްއާއި، އެލައިޑްއިންސްއަރެންސްއާއި، އެސްޓީއޯއާއި، މެޕްސްއާއި، ދިރާގާއި، ޓާނިންގ ސްޓޯންސްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވެއެވެ. އަމާންވެށި ޕްރޮގްރާމް ހިންގޭ ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޫލްތަކުގެ ފަރާތުންވެސް ވަރަށްބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

 ތިމަރަފުށީގައި ފުލުހުން މިހާރު ކުރިއަށް ގެންދާ އަމާން ވެށި ޕްރޮގްރާމް މިމަހުގެ 21 ން 29 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ޕްރޮގްރާމްގެ ތެރޭގައި މުޖުތަމަޢުގެ އެންމެނަށް ބައިވެރިވެވޭ ގޮތަށް ގިނަގުނަ ސެޝަންތައް ރޭވިފައިވެއެވެ.