Amaanveshi

ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތައް އެއްކުޑައެއްގެ ދަށަށް ގެނެސް މިއަހަރު އަލަށް ފެށި "އަމާންވެށި" ކެމްޕެއިންގެ ދަށުން މ. މުލީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.

ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުގެރޭ މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައި ވަނީ ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފްއެވެ. މިރަސްމިއްޔާތުގައި މ. އަތޮޅު ކައުންސިލް މެމްބަރުންނާއި، މުލީ ކައުންސިލް މެމްބަރުންނާއި، މުލީގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި، މ. އަތޮޅު ކޮމާންޑަރާއި ފުލުހުންގެ ޕަބްލިކް އެފެއަރޒް ޑިޕާޓްމަންޓްގެ އިސްވެރިންގެ އިތުރުން މުލީގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި، އަމާންވެށި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ހިންގި ތިން ކޭމްޕުގެ ތެރެއިން ދެ ކޭމްޕްކަމަށްވާ " ކުރިމަގު" އަދި "ފުރާވަރު" ކޭމްޕުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދީފައިވާއިރު އަމާންވެށި ޕްރޮގްރާމަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށްވެސް ހަނދާނީ ލިޔުން ދީފައިވެއެވެ.

Amaanveshi2

ސެޕްޓެމްބަރު މަހުގެ 14 ން 22 އަށް މުލީގައި ކުރިއަށް ގެންދިޔަ އަމާންވެށި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ތަފާތު ތިން ކޭމްޕެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ޕްރައިމަރީ ގްރޭޑްތައް ކަމަށްވާ ގްރޭޑް 1، 2، 3 ގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދިޔަ “ފުރަތަމަ ފިޔަވަޅު” ކޭމްޕުގައި ނާލާފުށި ސްކޫލުން 28 ދަރިވަރުންނާއި، އަތޮޅު ތަޢުލީމީ މަރުކަޒުގެ 51 ދަރިވަރުން ހިމެނޭގޮތަށް ޖުމްލަ 79 ދަރިވަރަކު ބައިވެރިވެފައިވެއެވެ. އަދި  ގްރޭޑް 4، 5، 6 ގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން “ކުރިމަގު” ގެ ނަމުގައި ބޭއްވި ކޭމްޕުގައި ނާލާފުށި ސްކޫލު އަދި އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖުމްލަ 76 ދަރިވަރަކު ބައިވެރިވެފައިވާއިރު، ސާނަވީ މަރުޙަލާއަށް ޚާއްޞަ ކޮށްގެން “ފުރާވަރު” ނަމުގައި ހިންގި ކޭމްޕުގައި މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 7، 8، 9 އަދި 10 ގައި ތަޢުލީމު ޙާސިލްކުރާ 97 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

މީގެއިތުރުން އަމާންވެށި ޕްރޮގްރާމުގެ ތެރެއިން މ. އަތޮޅު ތަޢުލީމީ މަރުކަޒާއި ނާލާފުށީ ސްކޫލުގެ ބެލެނިވެރިންނާއި މުދައްރިސުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މެޑިކަލް ކޭމްޕަކާއި "ކުޅިވަރުން ފަހިކަން" ނަމުގައި ޒުވާނުންނާއި އުމުރުން ދޮށީ ފަރާތްތަކަށް ޚާއްޞަކޮށްގެން ފުޓްބޯޅަ މުބާރާތެއްވެސް ބާއްވާފައިވެއެވެ. އަދި މ. މުލި ރައްޔިތުންނާއި، ނާލާފުށި ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ކުލާސްތަކެއްވެސް އަމާންވެށި ޕްރޮގްރާމުގެ ތެރެއިން ވަނީ ހިންގާފައެވެ.

Amaanveshi3

ބޭންކް އޮފް މޯލްޑިވްސްއާއި، އެލައިޑް އިންޝުއަރެންސްއާއި، އެސްޓީއޯއާއި،  މެޕްސްއާއި، ދިރާގު އަދި ޓާނިންގ ސްޓޯންސްގެ އެހީތެރިކަމާއެކު މުލީގައި ކުރިއަށް ގެންދިޔަ އަމާންވެށި ޕްރޮގްރާމަކީ މިފަދަ ތިންވަނަ ޕްރޮގްރާމެވެ. މި ޕްރޮގްރާމަށް ރަށްރަށުގެ މުއައްސަސާތަކުގެ ފަރާތުންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ. އަމާންވެށި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ 4 ވަނަ ޕްރޮގްރާމް ތ. ތިމަރަފުގައި މިހާރުވަނީ ފަށާފައެވެ.