މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް
ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ދެ އޮޕަރޭޝަނުގެ ތެރެއިން އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި --
ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ދެ އޮޕަރޭޝަނުގެ ތެރެއިން އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ މަސްތުވާތަކެތި --

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ރ. އިނގުރައިދޫ އަދި އަލިފުށި ޕޮލިސް ސްޓޭޝަނުން ހި މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ.

މިދެމީހުންގެ ތެރެއިން 31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި ޕޮލިސް ސްޓޭޝަނުން ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުރޭ 21:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރިތެރޭގައި ހުރި ކުޑަ ކަބަޑެއްގެ ތެރެއިން މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

25 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު 15:15 ހާއިރު އިނގުރައިދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާގުޅިގެން އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާގެ ބެލުމުގެ ދަށުގައި ހުރި ކުޑަ ފޮށިގަނޑެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކެއް ފެނިފައިވެއެވެ.

މަސްތުވާތަކެތި މި ދެ މައްސަލަ ރ. އަލިފުށި އަދި އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.