muraidhoo

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހއ.މުރައިދޫ ބަނދަރުގައި އޮތް ބޯޓަކުން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން ފުރައިގެން ހއ.މުރައިދޫއަށް ދަތުރުކުރާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2017 ސެޕްޓެމްބަރ 9 ވަނަ ދުވަހުގެރޭ 20:00 ހާއިރު މުރައިދޫ ބަނދަރުގައިއޮތް ބޯޓެއް ބަލައިފާސްކުރުމަށްފަހުއެވެ.

އެބޯޓު މުރައިދޫ ބަނދަރަށް ވަނުމާއެކު ފުލުހުން އެބޯޓަށް އަރާ ބޯޓު ބަލައިފާސްކުރިއިރު އެބޯޓުތެރޭގައިއޮތް ބުރުމާ ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 69 ރަބަރު ޕެކެޓާއި ސެލޯފިންކޮޅެއް ވަނީ ފެނިފައެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.

މި މައްސަލަ ހއ.ދިއްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުންނެވެ.