ޔޫތު ފޯރ އަ ސޭފަރ ކޮމިއުނިޓީ ފުޓްސަލް މުބާރާތް މާދަމާ ފަށަނީ

ޕޮލިސް ސްޓާފް ސަރޖަންޓް ޖާވިދު އިސްމާޢީލް
މިދިޔަ އަހަރު ބޭއްވި ޔޫތު ފޯ އަ ސޭފަރ ކޮމިއުނިޓީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ފެނަކަ ޓީމް -- ފައިލް ފޮޓޯ
މިދިޔަ އަހަރު ބޭއްވި ޔޫތު ފޯ އަ ސޭފަރ ކޮމިއުނިޓީ ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ފެނަކަ ޓީމް -- ފައިލް ފޮޓޯ

ލ. ގަން ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްްގެން ބާއްވަމުން އަންނަ ޔޫތު ފޯރ އަ ސޭފަރ ކޮމިއުނިޓީ ފުޓްސަލް މުބާރާތް މާދަމާ ފަށާނެއެވެ.

މާދަމާއިން ފެށިގެން އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ ލ. އަތޮޅުގެ އެކި މުއައްސަސާތަކާއި ޒުވާނުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުން މިހާރަށްވުރެ ބަދަހިކޮށް، ލ. އަތޮޅަކީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމަށްގުޅިގެން މަސައްކަތްކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ.

މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގައިވެސް ދެ ޒުވާނަކު ހިމެނޭއިރު މި މުބާރާތުގައި 14 ޓީމަކުން ބައިވެރިވެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތައް ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ދެވަނަ ބުރަށް ދާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ލ. ގަން ޕޮލިސް ސްޓޭޝަންގެ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތް މާދަމާ ފަށާއިރު މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ފެނަކަ އާއި އެމްއެންޑީއެފްއެވެ.  ދެވަނަ މެޗުގައި ޕޮލިސް އާއި އަވެސްކޮމް ވާދަކުރާއިރު 3 ވަނަ މެޗުގައި ވާދަކުރާނީ ޕަބްލިކް ވޯކްސް އާއި މާންދޫއެވެ.

މިދިޔަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ފުލުހުންނާއި އެލައިޑް އިންސްއަރެންސް ގުޅިގެން ލ. އަތޮޅުގައި ކުރިއަށް ގެންދިޔަ ރައްކާ ރޯޑް ޝޯވގެ ތެރެއިންނެވެ. މިއީ މިމުބާރާތް ބާއްވާ 3 ވަނަ އަހަރެވެ.