Amaanveshi

ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތައް އެއްކުޑައެއްގެ ދަށަށް ގެނެސް މިއަހަރު އަލަށް ފެށި "އަމާންވެށި" ކެމްޕެއިންގެ ދަށުން ކުރިއށް ގެންދާ ދެވަނަ ޕްރޮގްރާމްތައް ވ. ކެޔޮދޫގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ވ. ކެޔޮދޫ ސްކޫލުގައި ފެށި މި ޕްރޮގްރާމްގެ ދަށުން ސްކޫލް ކުދިންނަށާއި މުދައްރިސުންނަށް އަދި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ވަކިވަކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން ޕްރައިމަރީ ގްރޭޑްތައް ކަމަށްވާ ގްރޭޑް 1،2،3 ގެ ދަރިވަރުންނަށް ޙާއްޞަ ކޮށްގެން "ފުރަތަމަ ފިޔަވަޅު" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމުގައި 62 ދަރިވަރުން ބައިވެރިވެއެވެ. އަދި ގްރޭޑް 4،5،6 ގެ ދަރިވަރުންނަށް ޚާއްސަ ކޮށްގެން "ކުރިމަގު" ގެ ނަމުގައި ކުރިއަށްދާ ޕްރޮގްރާމްގައި 47 ދަރިވަރުން ބައިވެރިވާއިރު ސާނަވީ މަރުހަލާއަށް ޚާއްސަ ކޮށްގެން "ފުރާވަރު" މިނަމުގައި ކުރިއަށްދާ ޕްރޮގްރާމްގައި 59 ދަރިވަރުން ބައިވެރިވެއެވެ. ފުރާވަރު މި ޕްރޮގްރާމުގައި ކެޔޮދޫ ސްކޫލުގެ 7،8،9 އަދި 10 ގައި ތަޢުލީމު ޙާސިލްކުރާ ދަރިވަރުންގެ އިތުރުން ވ. ފެލިދޫ ސްކޫލޫގެ ގްރޭޑް 7،8،9 އަދި 10 ގެ ދަރިވަރުން ބައިވެރިވެއެވެ.

Amaaveshi2

މީގެއިތުރުން އަމާންވެށި ޕްރޮގްރާމުގެ ތެރެއިން ކެޔޮދޫގެ އިތުރުން ފެލިދޫގައިވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފެލިދޫ ސްކޫލުގެ ބެލެނިވެރިންނަށާއި ސްކޫލުގެ މުދައްރިސުންނަށް އަމާޒުކޮށްގެން ޕްރޮގްރާމެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

އަމާންވެށި ޕްރޮގްރާމުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

Amaanveshi3

10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޕްރޮގްރާމުގެ ތެރެއިން ސްކޫލް ދަރިވަރުންނާއި ޒުވާނުންނަށާއި ބެލެނިވެރިންނަށް ސެޝަންތަކެއް ހިންގާއިރު މެޑިކަލް ކޭމްޕަކާއި ކަސްރަތު ޕްރޮގްރާމަކާއި ވޮލީ ކޯޗިންގ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ބޭންކް އޮފް މޯލްޑިވްސް، އެލައިޑްއިންސްއަރެންސް، އެސްޓީއޯ، މެޕްސް. ދިރާގު އަދި ޓާނިންގ ސްޓޯންސްގެ އެހީތެރިކަމާއެކު މި ޕްރޮގްރާމްތައް ވ. ކެޔޮދޫގައި ކުރިއަށްގެންދާއިރު އެރަށުގެ މުއައްސަސާތަކުގެ ފަރާތުންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.