ހުޅުމާލޭގައި ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ހުޅުމާލޭގައި ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --

ހުޅުމާލޭގައި ހިނގާ ކުށްތައް މަދުކޮށް އާންމު ރައްޔިތުންގެ ހޭލުންތެރިކުރުމުގެ ގޮތުން ހުޅުމާލެ ޕޮޮލިސްގައި މަސައްކަތްކުރާ ފުލުހުން ހުޅުމާލޭގެ ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމަތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި އޮގަސްޓް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ހުޅުމާލޭގައި އާންމުކޮށް ކުށްކުރާ ސަރަޙައްދުތައް ފާހަގަކޮށް އެސަރަޙައްދުތަކުގެ ގެތަކަށާއި ފްލެޓްތަކަށް އަދި އެސަރަޙައްދުގައި ހުރި އެހެން ތަންތަނަށް ޒިޔާރަތްކޮށް މަޢުލުމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން ގޯތި ގެދޮރާއި މުދާ ރާއްކާތެރިކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި ބޭނުންކުރެވިދާނެ ވަސީލަތްތަކާއި ކުށް މަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި ކަމެއް ހިނގައިފިނަމަ ލަސްނުކޮށް ފުލުހުންނަށް އެކަން ރިޕޯޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދެވޭނެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެނީ ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ފުލުހުންނަށް ދަނީ ލިބެމުންނެވެ.