ފުލުހުންގެ މުއައްސަސާއިން ހައްޖަށްދާ ދެ މުވައްޒަފުންނާ އޭސީޕީ ޢަލީ ސުޖާޢު ބައްދަލުކުރައްވަނީ --
ފުލުހުންގެ މުއައްސަސާއިން ހައްޖަށްދާ ދެ މުވައްޒަފުންނާ އޭސީޕީ ޢަލީ ސުޖާޢު ބައްދަލުކުރައްވަނީ --

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުލުހުންގެ މުއައްސަސާގެ ފަރާތުން މިއަހަރު ހައްޖަށްދާ ދެ ފުލުހުންނާ ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ބައްދަލުކުރައްވައިފިއެވެ.

މި ދެ ފުލުހުންނާ ސަރވިސް ޑެވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ސުޖާޢު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ތެރޭގައި އެކި ޤައުމުތަކުގެ ފަރާތްތަކާ ބައްދަލުވާނެކަމަށާއި އެގޮތަށް ބައްދަލުވާއިރު ރިވެތި އަޙްލާޤެއްގައި ޢަމަލުތައް ބެހެއްޓުމަށާއި ދިވެހި ފުލުހެއްގެ ހައިސިއްޔަތުން ހައްޖަށްދާ އެހެން ފަރާތްތަކަށް އެހީތެރިވެދިނުމަށް އެދިލެއްވިއެވެ. އަދި ހިތްވަރާއެކު ހައްޖުގެ އަޅުކަމުގައި ދިމާވާ ދަތިތަކާ ކުރިމަތިލުމަށާއި މި މަތިވެރި އަޅުކަމުގެ މަޤުޞަދު ޙާސިލްކުރުމަށް މަސައްކަތްކުރުމަށް ނަޞޭހަތްތެރިވެ ލެއްވިއެވެ.

1438 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ފުލުހުންގެ މުއައްސަސާއިން ހަމަޖެހިފައިވާ ދެ ފުލުހުންނަކީ އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ އަޙްމަދުއެވެ.  މި ދެ ފުލުހުންގެ ތެރެއިން ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ ޢަޙްމަދު މިހާރުވަނީ މައްކާއަށް ފުރާފައެވެ. އަދި އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރަޝީދު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ.

ފުލުހުންގެ މުއައްސަސާއިން ހައްޖަށްދާ މި ދެ ފުލުހުންނަކީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ވެލްފެއަރ ކަންކަން ހަރުދަނާކޮށް ރަނގަޅުގޮތުގައި ކުރިޔަށް ގެންދިއުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ޕޮލިސް ވެލްފެއަރ ފަންޑުން ޚަރަދުކޮށްގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ދެ މުވައްޒަފަކަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ފުރުޞަތު ދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނިންމެވުމާގުޅިގެން ފުލުހުންގެ މުއައްސަސާއިން ހައްޖަށްދާ ފުރަތަމަ ދެ ފުލުހުންނެވެ.