Untitled

ކ.ހިންމަފުށި އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާ ގިނައަދަދެއްގެ ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މާލެއިން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރާ ލޯޗަކުން އައްސޭރި ޖަލަށް ވެއްދުމަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންމަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އޮގަސްޓް 7 ވަނަ ދުވަހުގެރޭ 22:29 ހާއިރު ހިންމަފުށި ބަނދަރުމަތިންނެވެ.

މިމީހާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާ އަޅުވައިގެން ހުރި ދަބަހުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓަކާއި ސެލޯފިންކޮޅެއްގެ އިތުރުން އަތަރު ފުޅިތަކަކާއި މޮބައިލް ފޯނުތަކަކާއި ސީޑީތަކަކާއި އީސްޓް ދަޅުތަކެއްގެ އިތުރުން ވަޅިއަކާއި ސިމްކާޑުތަކެއް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް  ދީފައިވެއެވެ.

މި މައްސަލަ ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ  ތަޙުޤީޤް ކުރަމުންނެވެ.