Thulhaadho02

ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނާއި ތުޅާދޫ ސްކޫލު ގުޅިގެން އެސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ތުޅާދޫ  ދެކުނު ފަރާތު ބީޗް ސަރަޙައްދުގައި ކުރިއަށްދާ މި ޕްރޮގްރާމަކީ ސްކޫލްތަކުގެ މަންޙަޖުުގައިވާ ގޮތުން ކޮންމެ ދަރިވަރަކީވެސް ފަތަން ދަންނަ  ދަރިވަރަކަށް ހެދުމުގެ ގޮތުން ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށް ތުޅާދޫ ސުކޫލާ ގުޅިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ.

މިޕްރޮގްރާމުގައި ފްލޯޓްކުރުމާއި ތަފާތު ވައްތަރުގެ ކިކް ޖަހަން ދަސްކޮށްދިނުމާއި، ކިކްބޯޑް ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމާއި އެކިއެކި ސްޓްރޯކް ތަކާއި ފެތުމުގެ ތަފާތު ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން މޫދުގައި ދިމާވާ ހާދިސާތަކުގައި އަމަލު ކުރާނެ ގޮތްތަކާއި ދަރިވަރުންގެ ފެންވަރުގައި ކުރެވޭނެ ކަންކަން އޮޅުން ފިލުވައިދެވޭނެއެވެ.

މި ޕްރޮގްރާމުގައި ތުޅާދޫ ސްކޫލުގެ ގްރޭޑް 4 ، 5 އަދި 6 ގައި ތަޢުލީމު ހާސިލްކުރާ 35 ދަރިވަރަކު ބައިވެރިވެފައިވާއިރު މި ޕްރޮގްރާމުގައި ކުލާސްތައް ކުރިއަށް ގެންގޮސްދެނީ ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ސްވިމިންގް އިންސްޓްރަކްޓަރެއްގެ އިތުރުުން އެ ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ބ.ތުޅާދޫ ސްކޫލުގެ މެނޭޖްމަންޓާއި ތުޅާދޫ ސިއްޙީ މަރުކަޒުގެ އިތުރުން ބެލެނިވެރިންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމެއް ލިބެމުން ދެއެވެ.