ޖުލައި މަހުގެ 19 ވަނަ ދުވަހުގެރޭ ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 6 މީހުން --
ޖުލައި މަހުގެ 19 ވަނަ ދުވަހުގެރޭ ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކޮށްފައިވާ 6 މީހުން --

ޖުލައި މަހުގެ 19 ވަނަ ދުވަހުގެރޭ އެލްސީއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މާރާމާރީއަކާ ގުޅިގެން 6 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 6 މީހުންނަކީ ސ. ހިތަދޫ، ނާސިރައްދޫގެ މުނާޛު މުޙައްމަދު (21އ) އާއި ހއ. މޮޅަދޫ، ބަހާރުގެ ސިރުފާން އިބްރާހިމް (20އ) އާއި ވ. ބުލޫނިޔާއާގެ މޫސާ އިބްރާހިމް (21އ) އާއި ސ. ހިތަދޫ، ލުހާއު އިބްރާހީމް ޢަރީން އަޙްމަދު (20އ) އާއި ނ. މިލަދޫ، ކާރނޭޝަންމާގެ، ޢަބޫބަކުރު ފާރިޢު (20އ) އަދި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މިމީހުންގެ ޢަބޫބަކުރު ފާރިޢު އާއި އިބްރާހީމް ޢަރީން އަޙްމަދު ޖުލައި މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވާއިރު މޫސާ އިބްރާހިމް ހައްޔަރުކޮށްފައިވަނީ ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި ސިރުފާން އިބްރާހިމް އާއި މުނާޛު މުޙައްމަދުގެ އިތުރުން 17 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައިވަނީ ޖުލައި 25 ވަނަ ދުވަހުއެވެ. މިއެންމެންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މި 6 މީހުންނަކީ މާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންކަން ތަޙްޤީޤަށް އެނގިފައިވާއިރު މިމީހުންގެ މައްޗަށް ކުށް ސާބިކުރެވޭވަރަށް ހެއްކާއި ޤަރީނާ ވަނީ ލިބިފައެވެ.

ޖުލައި 19 ވަނަ ދުވަހުގެރޭ އެލްސިއޯން ބޭކަރީ ހިމެނޭ ސަރަޙައްދުގައި ހިންގި މި މާރާމާރީގައި ވަނީ 18 އަހަރުގެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައެވެ. އޭނާގެ ހަށިގަނޑުގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެއެވެ. އަދި އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މިމައްސަލައިގެ އިތުރުން މާރާމާރީގެ އިތުރު މައްސަލަތަކެއްވެސް ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙްޤީޤު ކުރަމުންނެވެ. އަދި މިފަދަ މައްސަލަތައް ތަޙްޤީޤްކޮށް ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގައި ފުލުހުން ސާބިތުކަމާއެކު ދެމިތިބި ވާހަކަ ދަންނަވަމެވެ.