Minivan Dhuvas

މިއަދަކީ ދިވެހި ދައުލަތުގެ ތާރީޚުގައި ފަޚްރުވެރި ދުވަހެކެވެ. އުފާވެރި ދުވަހެކެވެ. ދިވެހިރާއްޖެއަށް ސިޔާސީ ގޮތުން މިނިވަންކަން ލިބުނުތާ 52 އަހަރު ފުރުނު ތާރީޚީ މުނާސަބަތެވެ. 1887 އިން 1965އަށް ރާއްޖެ އޮތީ އިނގިރޭސި ޙިމާޔަތޭ ކިޔުނު ބެނދެވުމެއްގެތެރޭގައެވެ. މިނިވަންވީ 26 ޖުލައި 1965ގައެވެ. އެހެންކަމުން މިނިވަންކަމުގެ މި މަތިވެރި ނިޢުމަތް އަޅުގަނޑުމެންނަށް މިންވަރުކޮށްދެއްވި އޯގާވަންތަ މާތް ﷲއަށް ޙަމްދާ ޝުކުރުދަންނަވަމެވެ. އަދި އެކި ފަހަރު މަތިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫ އެރުމުން، އެއިން ކޮންމެ ފަހަރަކު ޤައުމު މިނިވަންކޮށްދެއްވުމުގައި ރޫޙީގޮތުންނާއި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތް އެންމެހައި އަޝްރާފުންނަށް، އަބުޠާލުންނަށް ޝުކުރުގެ ގުލްދަސްތާތައް ވެދުންކުރަމެވެ. ޚާއްޞަކޮށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދެކަނބަލުންނަށާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އަޒްލީން އަޙްމަދަށާއި، ދިވެހިފުލުހުންގެ އިސް އޮފިސަރުންނަށާއި، ދިވެހި އެންމެހައި ފުލުހުންނަށް އަރިސްކުރަމެވެ. ފުލުހުންގެ މުއައްސަސާގައި ޚިދުމަތްކުރައްވާ މަދަނީ އެހެނިހެން މުވައްޒަފުން ވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެންމެހައި ފުލުހުންނާއި، އަދި އަޅުގަނޑުމެން އެންމެންގެ ލޮބުވެތި އާއިލާތަކާއި ދިވެހި އެންމެހައި ރައްޔިތުން ޝާމިލްވާ ގޮތުގައި މި އުފާވެރި މިނިވަން ޢީދުގެ ތަހުނިޔާ އަރިސްކުރަމެވެ.

މިނިވަންކަމަށްޓަކައިކުރެވޭ ޖިހާދާއި، މިނިވަންކަން ދެމެހެއްޓުމަށް ޓަކައި ވެވޭ މިންނަތާ މިއީ ކެނޑިނުދާނެ ދެ ގުޅުމެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ ޤައުމަކަށް ވެސް، މިނިވަންކަމެއް ލިބުމާއެކު ދެން އަބަދުވެސް އޮންނަނީ އެ މިނިވަންކަން ދެމެހެއްޓުމުގެ ހަނގުރާމައާ ކުރިމަތިލާން ޖެހިފައެވެ. މި ބޮޑު އިމްތިޙާނުން ދިވެހިރާއްޖެ ވެސް ބަރީއަވެގެންނުވެއެވެ. އަޅުގަނޑުމެން ވެސް މި ތިބެނީ އެ ފައްތަރުމަތީގައެވެ. ޒަމާނާއެކީ ކަންކަމަށް އަންނަ ބަދަލުތަކުން ބާވަތް ތަފާތު ވިއެއްކަމަކު ޢަދާވާތްތެރީންގެ މަޤުޞަދަކަށް އަމާޒަކަށް ބަދަލެއް ނާދެއެވެ. އެހެންކަމުން މިއަދުވެސް އަޅުގަނޑުމެންނަށް ޖެހިފައިވަނީ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެ ތިބޭށެވެ. އެ ހޭލުންތެރިކަން ލިބިގަންނާށެވެ. ޚާއްޞަކޮށް ފިކުރީގޮތުންނެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ.

03 ޛުލްޤަޢިދާ 1438

26 ޖުލައި 2017

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް