1

ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށް ފުލުހުން ކުރިއަށް ގެންދާ ތަފާތު ޕްރޮގްރާމްތައް އެއްކުޑައެއްގެ ދަށަށް ގެނެސް މިއަހަރު އަލަށް ފެށި "އަމާންވެށި" ކެމްޕެއިންގެ ދަށުން ކުރިއށް ގެންދާ ފުރަތަމަ ޕްރޮގްރާމްތައް ހއ.ކެލާގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ..

މި ޖުލައި މަހު 13 ވަނަ ދުވަހު ހއ.ކެލާ މަދްރަސަތުލް ޝައިޚް އިބްރާހީމް ސްކޫލްގައި ފެށި މި ޕްރޮގްރާމްގެ ދަށުން ސްކޫލް ކުދިންނަށާއި ބެލެނިވެރިންނަށް ޚާއްސަކޮށްގެން ވަކިވަކި ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ

2

އެގޮތުން ޕްރައިމަރީ ގްރޭޑް ތަކަށް ޚާއްސަ ކޮށްގެން "ފުރަތަމަ ފިޔަވަޅު" ގެ ނަމުގައި ކުރިއަށްދާ ޕްރޮގްރާމްގައި 84 ދަރިވަރުން ބައިވެރިވެފައިވާއިރު މިޑްލް ސްކޫލް ދަރިވަރުންނަށް ޚާއްސަ ކޮށްގެން "ކުރިމަގު" ގެ ނަމުގައި ކުރިއަށްދާ ޕްރޮގްރާމްގައި 63 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި ސާނަވީ މަރުހަލާއަށް ޚާއްސަ ކޮށްގެން "ފުރާވަރު" މިނަމުގައި ކުރިއަށްދާ ޕްރޮގްރާމްގައި 67 ދަރިވަރުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްތަކުގެ ތެރެއިން ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ޖުމްލަ 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިކެމްޕެއިންގެ ޕްރޮގްރާމްތަކުގެ ތެރޭގައި ސްކޫލް ދަރިވަރުންނާއި ޒުވާނުންނަށާއިބެލެނިވެރިންނަށް ހިންގާ ކިޔަވައިދިނުމުގެ ސެޝަންތަކުގެ އިތުރުންވެސް  އުމުރުން ދުވަސްވީ ބޭފުޅުންނަށް މެޑިކަލް ޗެކްއަޕް ހެދުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

 3

މި ކެމްޕެއިންގެ ޕްރޮގްރާމްތައް ހއ. ކެލާގައި ކުރިއަށްގެންދާއިރު އެރަށުގެ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރެވެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާގުޅޭ ތަޖްރިބާކާރު ފުލުހުންނެވެ.