IMG_5096 މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީ އާއި ޔުނިސެފް ގުޅިގެން ކުޑަކުދިންނާގުޅޭ މައްސަލަތައް ރިޕޯރޓްކުރުމަށް ޤާއިމްކޮށްފައިވާ ޗައިލްޑް ހެލްޕްލައިން 1412ގެ ކޯލް ސެންޓަރާއި "އަހަން" މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިއެޕްލިކޭޝަނާއި ކޯލް ސެންޓަރ ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ އޮނަރަބަލް ޒެނީޝާ ޝަހީދު ޒަކީއާއި ޔުނިސެފުން މިސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ މިސް ޖީން ގައުފު އެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް އަޒުލީން އަޙުމަދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޖެންޑަރ މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ރާއްޖޭގައި ހުންނަވާ ޔުނިސެފް ރިޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވިއެވެ. ކަމާގުޅޭ އެންމެހައި ފަރާތައް ގުޅިގެން މިއަދު އިފްތިތާޙްކުރި މި ކޯލް ސެންޓަރުގެ ސަބަބުން ކުޑަކުދިންގެ މައްސަލަތައް ހުށަހެޅުމަށް ޤާއިމްކޮށްފައިވާ ހެލްޕްލައިން 1412 އަށް ހުށަހަޅުއްވާ މައްސަލަތައް ކޯލްމެނޭޖްމަންޓް ސޮފްޓްވެއަރ އެއް މެދުވެރިކޮށް މޯލްޑިވްސް ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އަށް ވަގުތުން އަޕްޑޭޓް ކުރެވޭނެއެވެ. އެގޮތުން ކުޑަކުދިންނާގުޅޭ މައްސަލަތަކާއި ގުޅޭ ކޭސްތަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމަށާއި ތަފާސް ހިސާބު ބެލެހެއްޓުމަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. IMG_5009 އަދި މިއަދު އިފްތިތާޙް ކުރެވިގެންދިޔަ "އަހަން" މޯބައިލް އެޕްލިކޭޝަނުގައި ކުޑަކުދިންނަށް ލިބޭ އަނިޔާއަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޢުލޫމާތު ހިމެނިފައިވެއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ އޮނަރަބަލް ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ  އެއްވެސް ހާލަތެއްގައި ކުޑަކުއްޖަކަށް އަނިޔާއެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މިފަދަ މައްސަލަތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސާކުރުމަށް މިއަދު އިފްތިތާޙްކުރި ކޯލް ސެންޓަރާއި އެޕްލިކޭޝަންގެ ބޭނުން ވީހާވެސް ގިނަބަޔަކު ހިފުމަކީ މުހިއްމުކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިހާރުވެސް 1412 ހެލްޕްލައިނަށް ކުޑަކުދިން އަމިއްލައަށްވެސް މައްސަލަ ހުށަހަޅާކަން ފާހަގަކުރެއްވައި މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަށް އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ކުޑަކުދިން ބާރުވެރިކުރުމަކީވެސް މުހިއްމުކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާކަމަށެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއަރޒް އަލްފާޟިލް އަޙުމަދު އަޒްލީންއާއި ޔުނިސެފުގެ ފަރާތުން ސައުތް އޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ޑައިރެކްޓަރ މިސް ޖިއާން ގައުފުވެސް ވާހަކަފުޅުދެއްކެވިއެވެ. IMG_5176 މިރަސްމިއްޔާތުގައި އަހާން މޯބައިލް އެޕްލިކޭޝަނާއި ކޯލް ސެންޓަރާއިގުޅޭ މަޢުލޫމާތުތަކާއި ކުޑަކުދިންނާގުޅޭ މައްސަލަތަކަށް ހޭލުންތެރިކުރުމާގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ.