މަސްޖިދު ޒައިދު ބިން ހާރިޝާ- އެތައް ގޮތަކުން ޚާއްސަވާ ތާރީޚީ މިސްކިތެއް

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ޙަސަން
mosque

ދޫނިދޫގައި ބިނާކޮށްފައިވާ މަސްޖިދު ޒައިދު ބިން ހާރިޝާ މިސްކިތަކީ އެތައް ގޮތަކުން ފުލުހުންނަށް ޚާއްސަ އެހައިމެ ތާރީޚީ ބިނާއެއްކަމުގައި ދަންނަވަންޖެހެއެވެ. މިތަން ޚާއްސަވެ ތާރީޚުގެ ތެރެއަށް ވަދެގެންދާ މައިގަނޑު އެއްސަބަބކީ މިއީ ފުލުހުންގެ މަރުކަޒެއްގައި  ޤާއިމުކުރެވިގެންދިޔަ ފުރަތަމަ ފުރިހަމަ މިސްކިތެވެ. މިތަން ވުޖޫދަށް އައުމުގެ ކުރިންވެސް އިސްކަންދަރު ބިލްޑިންގ އާއި ފުލުހުންގެ ޓްރޭނިންގ ހިންގާ މަރުކަޒުތަކުގައާއި އަދިވެސް އެހެނިހެން ފުލުހުންގެ ބައެއް މަރުކަޒުތަކުގައި ޖަމާޢަތުގައި ނަމާދުކުރުވޭނެ ތަންތަން ހަދާފައި ވީނަމަވެސް މިސްކިތެއްގެ ގޮތުގައި ލިބުނު އެންމެ ފުރިހަމަ އެންމެ ރީތި ބިނާއަކީ މަސްޖިދު ޒައިދު ބިން ހާރިޝާ އެވެ. މީގެ އިތުރުންވެސް މަސްޖިދު ޒައިދު ބިން ހާރިޝާ ޚާއްސަ ވެފައި ތާރީޚުގެ ތެރެއަށް ވަދެގެންދާ ސަބަބުތައް ވަރަށްވެސް ގިނައެވެ.

މިސްކިތް ބިނާކުރުމުގެ ޚިޔާލު އުފެދުމާއި ޢަމަލީ މަސައްކަތް

ދޫނިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ދޫނިދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ނަމާދުގެ އަޅުކަން ފަސޭހަކަމާއެކު ކުރެވޭވެނެ މަގު ފަހިކުރުމުގެ ގޮތުން ދޫނިދޫގައި މިސްކިތެއް އިމާރާތްކުރުމަށް ފުލުހުންގެ އިންޓެގްރޭޓެޑް ސަރވިސަސް ޑައިރެކްޓަރޭޓްގެ އިސްވެރިންގެ މެދުގައި ޚިޔާލު ބަދަލުކުރެވިގެން ދިޔައީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވަމުންދިޔަ ދުވަސްވަރުވެއެވެ. އޭރު ރަމަޟާން މަސް ފެށެން އޮތީ ގާތްގަނޑަކަށް ދެ ތިން މަހެއްހާ ދުވަހެވެ. އިމާރާތަށް ހިނގާނެ ޚަރަދު އަންދާޒާ ކުރެވުނު ނަމަވެސް އެކަމަށް ވަކި ޚާއްސަ ބަޖެޓެއް ކަނޑައެޅ ި ހަމަޖެހިފައެއް ނެތެވެ. އެހެންނަމަވެސް އެކަމުގެ ޚިޔާލު ބަދަލުކުރެވުމާއެކު ދާދި އަވަހަށް ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީ މިމަސައްކަތަށް ލިބިގެން ދިޔައެވެ. އަދި އިމާރާތުގެ ބިންގާ ރަސްމީކޮށް އެޅިގެން ދިޔައެވެ. އެހެންނަމަވެސް ރަމަޟާން މަސް ފެށެންވާއިރަށް އެތަނުގެ މަސައްކަތް ނިންމާލެވޭނެތޯ އާއި ފުލުހުންގެ މަރުކަޒުތަކުގައި މިހާރުވެސް ހުރި މިސްކިތްތަކާއި ތަފާތު ރީތި ބިނާއެއް ފެނިގެންދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

  

ޢަމަލީ މަސައްކަތްކުރީ ފުލުހުން. ހޭދަވީ އެންމެ 2 މަސްދުވަސް

ރަމަޟާން މަހުގެ އެއްވަނަ ދުވަހަށް މިސްކިތް ބޭނުންކުރުމުގެ ޢަޒުމާއެކު މިމިސްކިތުގެ ޢިމާރާތްކުރުމުގެ މަސައްކަތް ސުމަކުން ފަށައިގަތީ 2017 މާރޗް 07 ވަނަ ދުވަހުއެވެ. ޢިމާރާތްކުރުމުގެ ޢަމަލީ ހުރިހާ މަސައްކަތެއް ކުރީ ދޫނިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑުގެ އެކި ޑިޕާރޓްމަންޓްތަކުގައި މަސައްކަތްކުރާ ފުލުހުންނާއި އާންމު މުވައްޒަފުންނެވެ. ބައެއް ކަންކަމުގައި ޢާންމު ބައެއް ބޭބޭފުޅުންގެ ފަންނީ ލަފަޔާއި އެހީތެރިކަންވެސް ހޯދަންޖެހުނުނަމަވެސް އިމާރާތް ޑިޒައިން ކުރުމާއި ސިމެންތީގެ ހުރިހާ މަސައްކަތެއްވެސް ކުރީ ފުލުހުންނެވެ. މިހުރިހާ ފަރާތެއް ގުޅިގެން ކުރި ބުރަ މަސައްކަތާއި ދެއްކި ހިތްވަރުގެ ނަތީޖާއަކަށް ވެގެން ދިޔައީ އެންމެ ދެމަހެއްހާ ދުވަހުގެ ތެރޭގައި ރީތި ފުރިހަމަ މިސްކިތެއް ވުޖޫދެއް ގެނެސް ދިނުމެވެ. ގާތްގަނޑަކަށް 250 މީހުންނަށް އެއްފަހަރާއި ނަމާދުކުރެވޭނެ ގޮތް ތަނަވެސްވެގެންދިޔައެވެ.

ޢިމާރާތުގެ ރީތިކަމާއި ފުރިހަމަކަށް ތަޢުރީފު!

ދޫނިދޫގައި ބިނާކުރި މިސްކިތް މަސްޖިދު ޒައިދު ބިން ހާރިޝާ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށް ދޫނިދޫއަށް ވަޑައިގެންނެވި ވަޒީރުންނާއި ފުލުހުންގެ އެގްޒެކެޓިވް ޓީމުންވެސް ވަނީ ޢިމާރާތުގެ ރީތިކަމާއި ފުރިހަމަކަމަށް ތަޢުރީފުގެ ބަސްތައް އޮއްސާލާފައެވެ. އެވަރުގެ މަސައްކަތެއް ދެ މަސްދުވަހާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެއްވުމުގައި ފުލުހުން ދެއްކެވި ނަމޫނާއަށް ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަލްފާޟިލް އަޙުމަދު އަޒުލީން ސިފަކުރެއްވީ މިއީ ފުލުހުންގެ މެދުގައި ދީނަށް އޮތް ލޯތްބާއި ޤަދަރު ފެނިގެން ދިޔަ ނަމޫނާ މަސައްކަތެއްކަމަށެވެ. ހަމައެހެންމެ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑޮކްޓަރ އަޙްމަދު ޒިޔާދުވެސް ވަނީ ފުލުހުންގެ ތެރޭގައި މިފަދަ މިސްކިތެއް ބިނާކުރުމަށް ނެންގެވި އިސްނެންގެވުމަށް ތަޢުރީފުކުރައްވާފައެވެ. މިއީ މިހާ ރީތި ފުރިހަމަ މިސްކިތެއް ފުލުހުންގެ މަރުކަޒެއްގައި ޢިމާރާތް ކުރެވިގެންދިޔަ ފުރަތަމަ ފަހަރެވެ.

ފުލުހުންގެ ހިތްވަރުގަދަކަމާއި ސާބިތުކަން ދައްކުވައިދިން ފުރިހަމަ މަސައްކަތެއް!

ދޫނިދޫއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ދޫނިދޫގައި މަސައްކަތްކުރާ ފުލުހުންނާއި އާންމު މުވައްޒަފުންނަށް ފަސޭހައިން ދީނީ އަޅުކަންތަކުގައި މަޝްޢޫލުވެ އުޅެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފުލުހުންގެ އަމިއްލަ މަސައްކަތުން ބިނާކުރި މިމިސްކިތަކީ ފުލުހުންގެ ހިތްވަރުގަދަކަމާއި ސާބިތުކަން ކިތަންމެހާވެސް ރަނގަޅަށް ދައްކުވައިދިން ނަމޫނާ ފުރިހަމަ މަސައްކަތެއްކަމުގައި ދަންނަވަންޖެހެއެވެ. ރެއާއި ދުވާލު ވަރުބަލިވުމެއް ނެތި މަސައްކަތްކުރަންޖެހުނު ކަމުގައިވިޔަސް ޝަކުވާއެއް ޝިކާޔަތެއް ނެތި އެންމެން ގުޅިގެން އެއްރޫހެއްގައި މަސައްކަތް ކުރީ ރަމަޟާން މަހުގެ އެއްވަނަ ދުވަހު މިސްކިތުގެ މަސައްކަތް ނިންމުމަށެވެ. އެކަން ކިތަންމެހާވެސް ރަނގަޅަކަށް ފެނިގެން ހިނގައްޖެއެވެ. ތިން މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ގިނަ ދުވަހަށް ދެމިހުންނާނެހެން ވަރުގަދަ ކޮންކްރީޓަކާއެކު އިމާރާތްކުރި މިމިސްކިތަކީ މިހާތަނަށް ފުލުހުންގެ މަރުކަޒެއްގައި ޤާއިމްކުރެވިފައިވާ އެންމެ ރީތި މިސްކިތްކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. މިމިސްކިތް ބިނާކުރުމުގައި ފުލުހުން ޢަމަލީ ގޮތުން މަސައްކަތްކޮށް ދެއްކި ހިތްވަރާއި ފެންވަރަކީވެސް މިމިސްކިތް ޚާއްސަވާ އަދި ފުލުހުންގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭ ސަބަބެވެ.