11

ވިލިމާލެ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން "ވިލިމާލެ ޕޮލިސް ޤުރްއާން މުބާރާތް 1438" ނަމުގައި ކުރިއަށް ގެންދިޔަ ޤުރުއާން މުބާރާތް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މި މުބާރާތް ނިންމުމުގެގޮތުން މިޖުލައި މަހުގެ 11 ވަނަ ދުވަހުގެރޭ ވިލިމާލޭގައި ހުންނަ މުހްޔިއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މުހިއްމު ވަނަތަކަށާއި މުބާރާތަށް އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ދެއްކެވި ވާހަކަފުޅުގައި ކީރިތި ޤުރުއާނަކީ ހަމައެކަނި ކިޔަވާލައިގެން ފަރުޖައްސާލެވޭނެ ފޮތެއް ނޫންކަމަށާއި އެފޮތުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ އެންމެންގެ އަމަލުތައްވެސް ބައްޓަންކުރަން ޖެހޭކަމަށާއި ކޮންމެ ކުއްޖަކުވެސް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކުރަންޖެހޭނެ ކަމަށް ވިދާޅުވެ މި މުބާރާތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ވިލިމާލެ ޕޮލިސް އަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ވަރަށް އިޙްލާސްތެރި ޝުކުރެއް އަދާކުރެއްވިއެވެ.

qwqw

ވިލިމާލޭގައި ދިރިއުޅޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި 4 އުމުރުފައަކަށް ބަހާލައިގެން، ނުބަލާ ކިއުމުގެ ގޮފިންނާއި ބަލައިގެން ކިޔުމުގެ ގޮފިން ޖުމްލަ 155 ކުދިން  ވާދަކޮށްފައިވާއިރު މުޅި މުބާރާތުގެ ފަޙްރުވެރި 1 ވަނައަށް ހޮވިފައިވަނީ ޛޫޝާން ޖަވާދުއެވެ. އަދި މުޅި މުބާރާތުގެ 2 ވަނައަށް ފާޠިމަތު ޝާހާ ޙުސައިން ހޮވިފައިވާއިރު މުބާރާތުގެ 3 ވަނައަށް ހޮވިފައިވަނީ ޒޯޔާ ބިންތު އަޖުމަލް ރަޝީދުއެވެ.

  މީގެ އިތުރުންވެސް  އެކި މަޤާމުތަކަށް އިނާމާއި ސެޓްފިކެޓް މިރަސްމިއްޔާތުގައި ހަވާލުކޮށްފައިވެއެވެ. އެގޮތުން މުބާރާތުގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ފުލުހުންގެ އިސްވެރިންނެވެ.

112

މިއީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމާއެކު ތުއްތު ކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކުރުމާއި ރީތިކޮށް ޤުރުއާން ކިޔަވެމަށް ހިތްވަރު ދެއްވުމުގެ ގޮތުން ރަމަޟާން މަހުގެ ތެރޭގައި ވިލިމާލޭ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން  ބޭއްވި ޤުރުއާން މުބާރާތެކެވެ. މިބުރާތަށް ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ

މި މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ސްޕޮންސަރ ކޮށްދެއްވި ޖޭ.އެފް.އެމް ޕްރައިވެޓް ލިމިޓެޑަށް ވިލިމާލޭ ޕޮލިސްގެ ފަރާތުން ޚާއްސަ ހަނދާނީ ފިލައެއްވެސް ހަވާލުކޮށްފައިވެއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ދަށުން ހިންގާ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.