drugs

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ އެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ޝައްކުކުރެވިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ 2110 ހާއިރު މާލޭ ނޯތްހާބަރުންނެވެ.

މިމިހާ ކޯޓް އަމުރެއްގެ ދަށުން ހުއްޓުވައި ބަލާފާސްކުރިއިރު މިމީހާ ލައިގެން ހުރި ފަޓްލޫންގެ ޖީބުން ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 1 ބޮޑު ރަބަރު ޕެކެޓާއި އޭނާގެ ކަނާތުގައި އޮތް ކަރުދާސް ކޮތަޅެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 3 ރަބަރު ޕެކެޓް ފެނިފައެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.