Mahibadhoo

އދ.މަހިބަދޫގެ ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ހިންގައިފިއެވެ.

މިހިނގާ ޖޫން މަހުގެ 3 ވަނަ ދުވަހު އދ.މަހިބަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ހިންގި މި ޕްރޮގުރާމްގައި އެރަށުގެ ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަކަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ވަގުންނަށް ފުރުޞަތު ކުޑަކުރުމުގެ ގޮތުން ފައިސާ ގެންގުޅުމުގައި ރައްކާތެރިވާންޖެހޭ ކަންކަމާއި ވިޔަފާރި ބަންދުކުރާއިރު ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީން ކުރުމަށާއި ރައްކާތެރިކަމުގެ ގޮތުން ރޭގަނޑު ފިހާރަ ބަންދުކުރުމަށްފަހު ފިހާރަތެރެ ރަނގަޅަށް އަލިކޮށް ބޭއްވުމުގެ މުހިންމުކަމާ ބެހޭގޮތުން މަޢޫލުމާތުދީފައިވެއެވެ.

މިގެއިތުރުން އދ.މަހިބަދޫގައި މީހުން ދިރިއުޅޭގެތަކަށް ޒިޔާރަތްކޮށް އާއްމުހާލަތު އޮޅުންފިލުވައި އާންމުކޮށް ހިނގާ ކުށްތަކައި ގުޅޭގޮތުން މަޢުލޫމާތުދީފައިވެއެވެ. އަދި ކުށެއް ހިނގައިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިޕްރޮގުރާމް ކުރިއަށް ގެންދިޔައިރު އދ.މަހިބަދޫ ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށްބޮޑު އެއްބަރުލުމެއް ލިބިފައިވެއެވެ.