-- ފައިލް ފޮޓޯ
-- ފައިލް ފޮޓޯ

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ރާއްޖޭގެ އެކި ސަރަޙައްދަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރާވެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން ލާފަކޮށްފައިވާތީ، އާންމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރަމެވެ.

ރާއްޖޭގެބައެއް ރަށްރަތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގެ ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލުބާރުމިނަށް ވައި ގަދަވާނެކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވެ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަގީންކުރުމަށް މިފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. ވަކިން ހާއްސަކޮށް، މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރެއްވުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް އިލްތިމާސްކުރަމެވެ. އޭގެ އިތުރުން، މުވާސަލާތު ކުރުމަށް ބޭނުންކުރާ ސެޓްފަދަ ތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޔަގީންކުރެއްވުމަށްފަހު ނޫނީ ދަތުރު ނުފެއްޓެވުމަށް ދަންނަވަމެވެ.

މޫސުމަށް އަންނަ މިފަދަ ބަދަލާއެކު، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވާ ހާދިސާތަކުގެ ސަބަބުން އެފަދަ ތަންތަނުގައި އަޅާފައިހުންނަ އުޅަނދުފަހަރަށް މީގެ ކުރިންވެސް ގެއްލުންތައް ލިބިފައިވުމާއެކު، އެތަންތަނުގައި އުޅަނދު އެޅުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ނަގިލި ކަހާލުންފަދަ ކަމެއް ދިމާވެދާނެކަމަށްޓައި ސަމާލުވެ، ރަނގަޅަށް ބެލެހެއްޓުމަށްވެސް މިފުރުޞަތުގައި އިލްތިމާސްކުރަމެވެ.

ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި މަގު މަތީ ހިނގާ މީހުންނާއި އެއްޗެތި ދުއްވާ ފަރާތްތަކުންވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދަންނަވަމެވެ. ވަކިން ޚާއްޞަކޮށް މަގުތަކުގައި ފެންހެދިފައި އޮންނަ ވަގުތުތަކުގައި ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެ ދުއްވާ މީހާ އަށާއި މަގު ހިނގާ މީހުންނަށް އަދި ދުއްވާ އުޅަނދަށްވެސް ބޮޑެތި ގެއްލުންތަކެއްލިބި އިޢާދަ ނުކުރެވޭފަދަ ގެއްލުމަކާ ކުރިމަތި ވެދާނެކަމެއްކަމަށް ވާތީ އެކަންކަމަށްވެސް ރައްޔިތުން ސަމާލުކަން ދިނުމަށްވެސް މިފުރުޞަތުގައި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަބަދުވެސް އެޅުމަށާއި މުދަލަށް ލިބޭ ގެއްލުންތައް ކުޑަކުރެވޭ ގޮތަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި މޫސުން ގޯސްވާ ވަގުތުތަކުގައި ކުރާ ދަތުރުތައް ފެށުމުގެކުރިން އެދަތުރާބެހޭ މަޢުލޫމާތު ކޯސްޓްގާޑަށާއި ފުލުހުންނަށް ޙިއްސާ ކުރެއްވުމަށްވެސް ނަސޭޙަތްތެރި ވަމެވެ.