FPA01

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑް މެމްބަރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފް  ބައްދަލު ކުރައްވައިފިއެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ގެވެށި އަނިޔާގެ ޤާނޫނުގައި ވާގޮތުގެމަތިން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ގުޅިގެން މަސައްކަތްކުރުމާއި ގެވެށި އަނިޔާގެ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުލުހުންނަށް ދިމާވާ ދަތިތަކާއި ހުރަސްތަކާއި ބެހޭގޮތުން މަޝްވަރާ ކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތައް ތަހްގީގު ކުރާ ފަރާތައް ތަމްރީންކުރުމާއި، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ގެވެށި އަނިޔާގެ ގާނޫނު ތަންފީޛު ކުރުމަށް ގުޅުން ހުރި ދާއިރާތަކާއި މަޝްވަރާކުރުމަށްފަހު ދިމާވާ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ. މީގެއިތުރުން ކުރިމަގުގައި މިބާވަތުގެ މައްސަލަތައް ތަޙްޤީޤު ކުރުމުގައި އާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި ގެވެށި އަނިޔާގެ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

FPA02

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑްގެ މެމްބަރުންގެ ވާހަކަފުޅުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ގެވެށި އަނިޔާގެ މައްސަލަތައް ބެލުމުގައި ވަރަށް ރަގަޅަށް އަމަލުކުރަމުން ދާކަމަށާއި އަދި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ގުޅިގެން ފުލުހުން ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އާއި ނޮދާން އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި ސަދާން އޮަޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ބައިވެރިވެލެއްވިއެވެ.

ފެމިލީޕްރޮޓެކްޝަން އޮތޯރިޓީފެ ފަރާތުން އެއޮތޯރިޓީގެ ބޯޑްގެ ރައީސާ އަނީސާ އަޙްމަދު އާއި، ބޯޑްގެ ނައިބް ރައިސާ އާއި ބޯޑް މެމްބަރުންކަމުގައިވާ ޒުލްފާ އިބްރާހީމް އާއި އަލްއުސްތާޒް އަޙްމަދު މުޢިއްޒު އާއި ޑރ.އަސީލް ޖަލީލް އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރު އާއި ޝިޔާނަތު ހާޝިމްގެ އިތުރުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އާމިނަތު ލީނާ އާއި ޑިރެކްޓަރ އައިޝަތު އިބާހަތު ބައިވެރިވެލެއްވިއެވެ.