IMG_2930

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި އިންޓަރ އޮފީސް/ ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ޕޮލިސް ކުލަބުން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އާވާދަކޮށް ސީދާ 3 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ސެޓްތައް ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 26-24 ، 26-24 އަދި 25-14 ންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ މުޙައްމަދު ޞޯދިޤް އެވެ.

IMG_2935

މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުގައިވެސް ޕޮލިސް ކުލަބު ވާދަކުރި ނަމަވެސް ޕޮލިސް ކުލަބު ވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޓީމާވާދަކޮށް ސީދާ 3-2 ސެޓުން ބަލިވެފައެވެ.

މުބާރާތުގެ ފިރިހެން ޑިވިޜަންގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައިވަނީ ޕޮލިސް ކުލަބުގެ ޞޯދިޤް މޫސާއެވެ. އަދި ޕޮލިސް ކުލަބުގެ ޝުޢައިބް ޢަބްދުލް ލަތީފް އާއި ޙުސައިން ޙަމީދު ވަނީ މުބާރާތުގެ ގަދަ 6 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

IMG_2890

ފިރިހެން ޑިވިޜަންގެ އެންމެ މޮޅު ކޯޗުގެ މަޤާމު ހޯދީ ޕޮލިސް ކުލަބުގެ ކޯޗު މައުމޫރު މުޙައްމަދުއެވެ.

އަންހެން ޑިވިޜަންގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ޕޮލިސް ކުލަބުގެ ހަމްނާ ޙުސައިން ދީދީ އާއި އައިމިނަތު ސާތިރާ އަދި ލީލާ ހާމިދު ވަނީ ހިމެނިފައެވެ.