IMG_9654

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް އާންމު ގޮތެއްގައި ވިޔަފާރި ވެރިންނާއި ކުންފުނިތަކުން ތަފާތު އެކި ޕްރޮމޯޝަންތަކާއި ސޭލްސްތައް ކުރިއަށްގެންދަވާއިރު މިފަދަ ޕްރޮމޯޝަންތަކުގެ ނަމުގައި ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާއާއި ރާސްޓަސް އަދި ރީލޯޑް ހޯދާ ފަރާތްތަކަށް ރައްޔިތުން ޚާއްސަ ގޮތެއްގައި ސަމާލުވުން މުހިއްމެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިފައިވާ މަކަރާއި ހީލަތުގެ ތަފާތު އެކި މައްސަލަތަކަށް ބަލާއިރު އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ތަފާތު ޓްރެންޑްތައް ފާހަގަކުރެވިފައިވެއެވެ. އެގޮތުން މީސްމީހުންނަށް ފޯނުން ގުޅައި ފޯނުންކުރިއަށް ގެންދާ ކުއިޒެއްގައި ބައިވެރިވެވިފައިވާ ކަމަށް ބުނެ ތަފާތު އެކި ސުވާލުތައް ކުރިމަތިކުރުވައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެވެސް ނަންބަރަކަށް ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވަންޖެހޭ ކަމަށް ނުވަތަ ވަކި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދިފައި ހުންނަކަން ފާހަގަކުރެވެއެވެ.

މިފަދަ ކަންކަން ހިންގާ ފަރާތްތަކުން މީސްމީހުންގެ ހިތްއަތުލުމަށްވެސް ތަފާތު އުކުޅުތައް ބޭނުންކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. އެގޮތުން  އެއްވަނައަށް ހޮވޭ ފަރާތަކަށް ބޮޑެތި އަދަދުތަކުން ފައިސާގެ އިނާމުތަކާއި ދިގުމުއްދަތަށް އެޕާރޓްމަންޓްތައް ހިލޭ ލިބޭނެ ކަމަށް ނުވަތަ ރާއްޖެއިން ބޭރު ދަތުރުތަކާއި ސްކޮލަރޝިޕްފަދަ ފުރުޞަތު ލިބޭނެ ކަމަށް ބުނެފައި ހުންނަކަން ފާހަގަކުރެވެއެވެ. އަދި މިއިނާމާއި ހަމައަށް ދިއުމަށް މީސްމީހުންގެ އަތުން ނެގޭ ފައިސާ ނުވަތަ ރާސްޓަސް ރީލޯޑްއަކީ ކޮންމެވެސް އެންޖީއޯއަކަށް ނުވަތަ އެހީއަކަށް ބޭނުންވެފައިވާ ފަރާތަކަށް ދެވޭނެ ހަދިޔާއެއް ކަމުގައި ދައްކަން މަސައްކަތްކޮށްފައި ހުންނަކަންވެސް ފާހަގަކުރެވެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މިފަދަ މައްސަލަތައް ހިންގާ ފަރާތްތަކަށް ފުރުޞަތު ކުޑަކުރެވޭނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެންނެނެވެ. ރާއްޖޭގައި ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ފޯނުން ގުޅައި ވަކި ޢަދަދަކުން ރީލޯޑްކޮށް ރާސްޓަސް އަޅައި ދިނުމަށް ނުވަތަ ހަމަ ބުނެލާ އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް މިހާތަނަށް އެއްވެސް ފަހަރަކު އެދިފައި ނުވާކަން ދަންނަޖެއެވެ. ހަމައެއާއެކު އެމީހަކު އަމިއްލައަށް ޕްރޮމޯޝަނެއްގައި ބައިވެރިވެފައި ނުވާނަމަ ޤުރުއަތުން ހޮވުނު ނަސީބު ނަންބަރެއްކަމަށް ބުންޏަސް އެކަމާ ސުވާލު އުފައްދަންޖެހެއެވެ. އަދި ޝައްކުކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެއަށް އިޖާބަ ނުދިނުމުގެ އިތުރުން އެކަން ފުލުހުންނަށް ރިޕޯރޓްކުރުމަކީވެސް މުހިންމުކަމެކެވެ. އެކަމާއިގުޅޭ މަޢުލޫމާތު އެހެންމީހުންނާއި ހިއްސާކޮށް ހޭލުންތެރިކުރުމަށް ފަރުދީފެންވަރުގައިވެސް ކުރެވެންހުރި މަސައްކަތް ކުރުމަކީވެސް މިފަދަ މައްސަލަތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމެވެ.

ޕްރޮމޯޝަންތަކުގެ ނަމުގައި ފޯނުންގުޅައިގެން މަކަރާއި ހީލަތުން ފައިސާ އަތުލާ ފަރާތްތަކަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ ސަމާލުކަން ދެއްވައިފިނަމަ އެއީ މިފަދަ މައްސަލަތައް ހުއްޓުވުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެކެވެ.