council-Recovered-Recovered-Recovered copy

ރާއްޖޭގައި މިހާރު ޤާއިމްކުރެވިފައިވާ ސުލްހަވެރިކަމާއި ހަމަޖެހުން ނަގާލައި ރާއްޖޭގެ ސިޔާސީ މަޝްރަޙު ހަލަބޮލިކުރުމުގެ ގޮތުން އަތޮޅުތެރެއިން މީހުން މާލެއަށް އެއްކޮށް ހަމަނުޖެހުންތައް ހިންގުމަށް ބައެއް ފަރާތްތަކުން ރޭވުންތައް ރާވަމުންދާކަމުގެ މަޢުލޫމާތު މިސަރވިސްއަށް ވަނީ ލިބިފައެވެ.

ފުލުހުންނަކީ އަބަދުވެސް ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާއި ރައްޔިތުންގެ ހިމާޔަތުގައި ތަފާތުކުރުމެއްނެތި  ދެމިތިބޭ ބައެއްކަމުގައި މިފުރުޞަތުގައި ދަންނަވަމެވެ. އަދި ދިވެހި ފުލުހުންނަކީ އިސްލާމްދީނާއި ދިވެހި ޤައުމުގެ ހިމާޔަތުގައި ކުރަންޖެހުނު ކޮންމެ ކަމެއް އެއްވެސް ފަސްޖެހުމެއްނެތި ކުރާނެ ބައެއްކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

އަދި ރަށުތެރެ ހަލަބޮލިކޮށް ހަމަނުޖެހުންތައް އުފައްދައި، ރައްޔިތުންގެ ގޯތި ގެދޮރަށާއި މުދަލަށް އަދި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ އެއްވެސް ޙަރަކާތެއް ހިންގަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެވާހަކަ ދަންނަވަމެވެ.

ފުލުހުންނަކީ ޤައުމުގެ ދިފާޢުގައައާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޤާނޫނުގެ ބާރުވެރިކަން ދެމެހެއްޓުމުގެ ޤާނޫނީ ބާރުދެވިފައިވާ ފަރާތްކަމުގައި ވީހިނދު ޤައުމުގެ އަމާންކަމާއި މަސްލަޙަތު ހިމާޔަތްކުރުމަށް ފުލުހުންނަށް ލިބިފައިވާ ޤާނޫނީ ބާރު އޭގެ އެންމެ މަތީ ދަރަޖައިގައި ބޭނުންކުރާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. އަދި ޤައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބޮވެތި ރައްޔިތުންނަށް އަރުވަމެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މިހާރު ޤައުމުގައި ޤާއިމްކުރެވިފައިވާ ސުލްޙަވެރިކަމާއި އަމާންކަން ޤާއިމްވެފައި މިއޮތީ ގިނަ ބައެއްގެ މަސައްކަތުންނެވެ. އަދި މިކަމުގެ ފައިދާ ދަނީ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ލިބެމުންނެވެ. މިފަދަ ވަގުތެއްގައި ރާއްޖޭގައި ޞުލްޙަމަސަލަސްކަން ދަމަހައްޓައި ރައްޔިތުންނަށް އަމާންކަން ޤާއިމްކޮށްދިނުމަށް ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތްތަކުގައި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދާ ފުރިހަމަ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.