final trafficpic

ސައިކަލް ކޮންޓްރޯލް ނުކުރެވިގޮސް ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނެއްކާވެސް ޒުވާނަކު މިދުނިޔެއާއި ވަކިވެގެން ގޮސްފައިވާއިރު މިއީ ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. އިއްޔެ މެންދުރު މަރަދޫ ލިންކް ރޯޑުގައި  ސައިކަލެއް ކޮންޓްރޯލް ނުވެގޮސް އެހިސާބުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒަޚަމްވި 29 އަހަރުގެ ޒުވާނާ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މިއަދު މަރުވެފައިވާއިރު މިއީ މިއަހަރުގެ މިހާތަނަށް މަގުމަތީގެ އެކްސިޑެންޓެއްގައި މަރުވި 5 ވަނަ މީހާކަން ފާހަގަކޮށްލަންޖެހެއެވެ.

މިއަހަރުގެ މިހާތަނަށް ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓްތަކަށް ބަލާއިރު އުޅަނދުތައް ކޮންޓްރޯލުން ނެއްޓިގެން ގޮސް ހޮޅިދަނޑިއާއި ފާރުބުރި ނުވަތަ އެހެންވެސް ތަނެއްގައި ޖެހި ހިނގާފައި ހުރި ހާދިސާތައް އިތުރުކަން ފާހަގަކުރެވެއެވެ. ވަކިން ޚާއްސަގޮތެއްގައި އައްޑޫ ލިންކްރޯޑުގައާއި ހައްދުންމަތީ ބޮޑުމަގުގައި މިފަދަ ހާދިސާތައް ހިނގާ ނިސްބަތް އިތުރުކަން ފާހަގަކުރެވެއެވެ.

މިފަދަ ހާދިސާތައް ހިނގަން މެދުވެރިވާ އެންެމެ އާންމު ސަބަބެއްކަމުގައި ބެލެވެނީ ބާރު ސްޕީޑުގައި ދުއްވުން ކަމުގައިވާއިރު ދުއްވަން ކަނޑައެޅިފައި އޮންނަ ދުވެލީގައި ދުއްވުމަށް އާދަކުރުމަކީ ކޮންމެހެންވެސް މުހިއްމެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖޭގައި ހަދާފައިވާ ޤާނޫނާއި ޤަވާއިދުތަކަށް އިހްތިރާމްކޮށް މަގުބޭނުންކުރުމުގައި ރައްކާތެރި ގޮތްތައް ޚިޔާރުކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކި އެގޮތަށް ޢަމަލުކުރުން ކޮންމެހެންވެސް މުހިއްމެވެ.

އެކްސިޑެންޓްގެ ނުރައްކާ ކުޑަކުރުމަށާއި ފުރާނަ ސަލާމަތްކުރުމަށް ކޮންމެ މީހަކުވެސް ސަމާލުވާންޖެހެއެވެ. މަގުމަތީގެ ދުއްވަން ކަނޑައެޅިފައި އޮންނަ ދުވެލީގައި ދުއްވައިގެން ނުވަތަ މަގުމަތީގެ ޤަވާއިދާ އެއްގޮތަށް ދުއްވައިގެން ނުރައްކާތެރި އެކްސިޑެންޓް ހިނގުމަކީ ނާދިރުކަމެކެވެ. އެހެންކަމުން އަޅުގަނޑުމެން ދުއްވާ އުޅަނދުތަކުގެ ދުވެލި މަޑުކޮށްފިނަމަ އަދި އަޅުގަނޑުމެންގެ ޢަމަލުތައް އިސްލާހްކޮށް މަގަށް ދޭންވާ ސަމާލުކަން ދިނުމުގެ އިތުރުން ހެދިފައިވާ ޤަވާއިދުތަކަށް ބޯލަނބައި މަގުމަތީގެ އަދަބުތަކަށް އިޙް ތިރާމްކޮށްފިނަމަ ހަމަ ޔަޤީނުންވެސް އެކްސިޑެންޓްތައް ހިނގާ ނިސްބަތް އެތައް ގުނައަކަށް ކުޑަކުރެވިދާނެއެވެ.