forummm2

ފުލުހުންގެ މެދުގައި ޢިލްމީ ނަޒަރުން ކަންކަމާއިމެދު ވިސްނުމާއި ޢިލްމީ ހުނަރާއި މަޢުލޫމާތު އިތުރު ކުރުމުގެ މަޤުސަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް 'އައިލްސް' އިން ހިންގަން ފެށި ޢިލްމީ މަންސާގެ ފުރަތަމަ ފޯރަމުގައި "ޤައުމިއްޔަތު" މިމަޢުޟޫއަށް  އަލްފާޟިލް ކަށިމާ އަޙުމަދު ޝާކިރު ތަޤްރީރުކުރައްވައިފިއެވެ.

ބްރާސްފަތި ދުވަހުގެ މެންދުރު އިސްކަންދަރުކޮށީގައި ބޭއްވި މި ފޯރަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ އާއި ޑައިރެކްޓަރ  އޮފް އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވެލެއްވިއެވެ.

forum1

ޢިލްމީ މަންސާ ފޯރަމް ރަސްމީ ގޮތުން އިފްތިތާޙްކުރުމުގެ ގޮތުން އިއްޔެ ބޭއްވި ފުރަތަމަ ސެޝަނުގައި ތަޤްރީރުކުރައްވަމުން އަލްފާޟިލް ކަށިމާ އަޙުމަދު ޝާކިރު ވަނީ ޤައުމިއްޔަތުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އެގޮތުން ޤައުމީ ބަޠަލުންގެ ޒިކުރާ އައުކޮށް އެއިން ޢިބްރަތް ހާޞިލުކުރެއްވުމަށް ގޮވާލެއްވިއެވެ.

ރާއްޖެ އަޅުވެތިކަމަށް ވެއްޓިގެން ދިޔަ ހާދިސާތަކުގެ މައްޗަށް އަލިއަޅުއްވަލަމުން އަލްފާޟިލް ކަށިމާ އަޙުމަދު ޝާކިރުގެ ތަޤްރީރުގައި ވިދާޅުވީ އެފަދަ ކޮންމެ ހާދިސާއެއްވެސް ކުރިމަތިވެފައިވަނީ ދިވެހިންގެ ތެރެއިން މަދުބައެއްގެ ހިތްތަކުގައި ޤައުމީ ލޯބި ނެތުމުން ކަން ތާރީޚު ހެކިވާކަމަށެވެ.

މަދުބައެއްގެ އަމިއްލަ މަސްލަޙަތާއި ޝާނާއި ޝަޢުކަތަށް އިސްކަން ދިނުމުގެ ސަބަބުން މާޒީގައި ދިވެހިން ތަހަންމަލް ކުރި ކަންކަމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މާޒީއަކީ މުސްތަޤުބަލާ ލޯނގަޑު ކަމަށާއި މާޒީ ހަނދާން ނައްތާލައިފިނަމަ ޤައުމު މަތިން ހަނދާން ނައްތާލެވުނީ ކަމަށެވެ.

މީގެ އިތުރުންވެސް އެމަނިކުފާނުގެ ވާހަކަކޮޅުގައި މިފަދަ ފޯރަމެއް ފުލުހުންނަށް ފެއްޓެވި ކަމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފަށް ޝުކުރު އަދާކުރެއްވިއެވެ.

newspic01-Recovered copy

ފުލުހުންގެ ޢިލްމީ ހުނަރާއި ޤާބިލްކަން އިތުރުކުމަށް އައިލްސްއިން ފެށި އިލްމީ މަންސާގެ ދަށުން ކޮންމެ މަހަކު ދެ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެކުރިން ތާސްޑޭ ފޯރަމުގެ ނަމުގައިވެސް ކޮންމެ ހަފްތާއަކު އެއްފަހަރު ފުލުހުންނަށް ޚާއްސަ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.