SOC HeadCup2

ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ހެޑްގެ ވާދައިގެ ތައްޓަށް ކުޅޭ އެސްއޯސީ ފުޓްސަލް މުބާރާތަށް ފުވައްމުލަކު ސިޓީ ޕޮލިސް ކޮލިފައިވިއިރު ދ. އަތޮޅު ޕޮލިސް ޓީމް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. .

ފުވައްމުލަކު ސިޓީ ޕޮލިސް ޓީމު މުބާރާތަށް ކޮލިފައިވެފައިވަނީ ކޮލިފައިންގައި އައްޑޫ ސިޓީ ޕޮލިސްއާ އިއްޔެ ހަވީރު ވާދަކުރި މެޗު 5-7 ން ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ. މިދެޓީމު ފުރަތަމަ ލެގުގައި ފުވައްމުލަކުގައި ކުޅުނު މެޗު 3-1 ން ކާމިޔާބުކުރީ އައްޑޫ ސިޓީ ޕޮލިސް ޓީމެވެ.

ދ. އަތޮޅު ޕޮލިސް ޓީމު ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ފުޓްސަލް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފައިވަނީ ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ 3 އަތޮޅުގެ މެދުގައި ލީގު އުސޫލުން ކުޅުނު މެޗުތައް ކާމިޔާބުކޮށްގެންނެވެ. ދ. އަތޮޅު ކުޅުނު ދެ މެޗުވެސް އެޓީމުވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން  ދ. އަތޮޅާއި މ. އަތޮޅު ވާދަކުރި މެޗު 7-1 ން ކާމިޔާބުކޮށްފައިވަނީ ދ. އަތޮޅު ޕޮލިސް ޓީމެވެ. އަދި ދެވަނަ މެޗުގައި ފ. އަތޮޅު ޕޮލިސް ޓީމާއި ދ. އަތޮޅު ޕޮލިސް ޓީމު ވާދަކުރި މެޗު ކާމިޔާބުކޮށްފައިވަނީ 6-1 ންނެވެ.

މިއަހަރުގެ މާޗު މަހުގެ 4 ން 15 އަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 4 ޓީމެއް ވާދަކުރަން ހަމަޖެހިފައިވާއިރު މުބާރާތުގައި ވާދަކުރާ 4 ޓީމް ކަނޑައަޅަނީ ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ ޑިވިޜަންތަކުގެ އަތޮޅުތަކުގައި ކުޅޭ ކޮލިފައިން މެޗުތަކަށް ފަހުއެވެ.

SOC HeadCup

އެގޮތުން މިހާރު މުބާރާތުން ޖާގަ ހޯދާފައިވަނީ ފުވައްމަލަކު ސިޓީ ޕޮލިސް އާއި ތ. އަތޮޅެވެ. މުބާރާތަށް ކޮލިފައިވުމަށް ކުޅޭ މެޗުތައް ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ކުރިއަށްދާއިރު އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ގއ. އަތޮޅާއި ގދ. އަތޮޅު އަދި ކޮޅިފައިން މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 17 އަދި 18 ވަނަ ދުވަހުއެވެ.

ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ހެޑްގެ ވާދައިގެ ތައްޓަށް ކުޅޭ ފުޓްސަލް މުބާރާތަކީ ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ 4 ޑިވިޜަންގެ އަތޮޅުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮތް ގުޅުން މިހާރަށްވުރެ ރަނގަޅުކޮށް ގުޅިގެން މަސައްކަތްކުރުމާއި އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙް އަށަގެންނެވުމުގެ އިތުރުން ކުޅިވަރުގެ ރޫޙް ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ. ގޮތުން ސަދަރން އޮޕަރޭޝަންސް ކޮމާންޑުން ކުރިއަށް ގެންދާ މުބާރާތެކެވެ.މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާ، ރަނަރަޕް ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.