IMG_2510

މިއަހަރުގެ ޖުލައި މަހު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ފުލުހުން އަހުލުވެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) ގެ ފަރާތުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން ހިންގާ ކޮންމެ ކުލާހެއްގައި 35 ފުލުހުން ބައިވެރިވާއިރު މި ކުލާސް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.

މި ޕްރޮގްރާމުގައި ގިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޤާނޫނުގައިވާ ބައިތަކާއި ކުރިން ޢަމަލުކުރަމުން އައިގޮތާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން ފެށުމާއެކު އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ ކުލާސްތައް ނަގައިދެނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހިންގި ޓްރެއިނަރސް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފުލުހުންނެވެ.