RastasAware

ތަފާތު އެކި ޕްރޮމޯޝަން ތަކުގެ ނަމުގައާއި ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމަށްކަމަށް ބުނެ ނޫނީ އެހެންވެސް ގޮތަކުން މާލީ މަންފާ ލިބޭނެކަމަށް ދައްކައިގެން މީސް މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ. އެގޮތުން މަކަރާއި ހީލަތުން އެކި ނަމްބަރ ތަކަށް ރީލޯޑް އަދި ރާސްޓަސް ކުރުވުމާއި އަމިއްލަ ފަރުދުންގެ އެކައުންޓަށް ފައިސާ ޖަމާކުރުވުން ފަދަ މައްސަލަތައް ފާހަގަކުރެވެއެވެ.

 ފާއިތުވި 3 މަސް ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު މަކަރާއި ހީލަތުން ބޮޑެތި އަދަދު ތަކުން ރީލޯޑްކޮށް އަދި ރާސްޓަސް ހޯދާފައިވާ މައްސަލައާއި އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައިވާ 23 މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޖެނެރެލް އިންވެސްޓިގޭޝަންޑިޕާރޓްމަންޓަށް ހުށަހެޅި ބަލަމުން އެބަދެއެވެ.

މިކަންކަމަށް ސަމާލުވޭ!

ފުލުހުންނަށް ހުށަހެޅިފައިވާ މިފަދަ މައްސަލަތަކަށް ބަލާއިރު، އާންމު ގޮތެއްގައި މަކަރާއި ހީލަތުން ފައިސާ އަތުލުމަށް ގުޅާ ފަރާތްތަކުން އޮޅުވާލުމަށްޓަކައި ތަފާތު އުކުޅުތައް ބޭނުންކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. އެގޮތުން ކޮންމެވެސް ވިޔަފާރި ކުންފުންނެއްގެ ނަމުގައި ހިންގާ ޕްރޮމޯޝަނެއްގައި ޤުރުއަތުން ހޮވިފައިވާ ކަމަށާއި އިނާމު ޔަޤީންކުރުމަށްޓަކައި އެފަރާތުން ހުށަހަޅާ ނަންބަރަކަށް ބޮޑެތި އަދަދުތަކުން ރީލޯޑް ނުވަތަ ރާސްޓަސް ފޮނުވުމަށް އެދޭކަން ފާހަގަކުރެވެއެވެ.

އަދި ބައެއް ފަހަރު އެކިއެކި ޖަމްޢިއްޔާ ތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި، ނުވަތަ ކުޑަކުދިންގެ ހިޔާ ފަދަ ތަންތަނަށް އެހީތެރިވުމަށް ކަމަށްބުނެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމުންދާކަންވެސް ފާހަގަކުރެވެއެވެ. އަދި މިކަން ކުރާ ފަރާތްތަކުން ކޮންފަރެންސް ކޯލް ހަދައި ގިނަ އަދަދެއްގެ ބަޔަކު ތިބެގެން ކުރިއަށް ދާ އަސްލު ކަމެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތްކޮށްފައި ހުންނަކަންވެސް ފާހަގަކުރެވެއެވެ.

މިފަދަ ކަންކަމަށް މަގުފަހިވަނީ ކީއްވެ؟

މިފަދަ ކަންކަން ހިންގާފަ ހުންނަ ގޮތަށް ބަލާއިރު އެކި ފަރާތްތަކަށް އޮޅުވާލައިގެން އެފަރާތްތަކުގެ އައިޑީ ކާރޑް ބޭނުންކޮށްގެންނާއި، ބިދޭސީންގެ ވާރކް ޕާރމިޓް ބޭނުންކޮށްގެންނާއި، އެކި ބޭނުންތަކުގައި ކަމަށް ބުނެ ގިނައަދަދެއްގެ ސިމް އެކެއްގެ ނަންމަތީ ނަގާފައި ހުންނަ ކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން ފަސޭހަކަމާއެކު ވެރިފިކޭޝަން ޕްރޮސެސް އެއް ނެތި ސިމްތައް އެކި މީސްމީހުންގެ އަތްމައްޗަށް ގޮސްފައި ހުންނަ ހުރުން ފާހަގަކުރެވެއެވެ.

ހޭލުންތެރިކަން އިތުރުކުރުން ވަރަށް މުހިއްމު

މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް މުހިއްމުކަމެވެ. ބޮޑެތި އަދަދުތަކުން ރީލޯޑުކުރަން ނުވަތަ ރާސްޓަސް ފޮނުވަން އެދޭ ނަމަ އެކަންކަމާއި މެދު ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާއި ސުވާލު ކުރަންޖެހެއެވެ. އެކަމުގެ ސައްޙަކަން އަމިއްލައަށް ޔަޤީންކުރަންވާނެއެވެ. އެއްވެސް ކުންފުންޏެއް ނުވަތަ ޖަމިއްޔާއެއްގެ ނަމުގައި ހިންގާ ހަރަކާތެއް ކަމަށް ބުނެފިނަމަ ސީދާ އެތަނަކަށް ގުޅައިގެން އެފަދަ ޕްރޮމޯޝަނެއް ނުވަތަ ހަރަކާތެއް ހިންގާތޯ އޮޅުން ފިލުވުމަކީވެސް ކުރެވިދާނެކަމެކެވެ.

އަދި މިފަދަ ކަމެއް ތިމާގެ ގާތް މީހަކަށް ނުވަތަ ރައްޓެއްސަކަށް ނަމަވެސް ދިމާވެއްޖެނަމަ އެމަޢުލޫމާތު އެހެންމީހުނާއި ހިއްސާކޮށް އެފަދަ ކަމެއްގެ ޝިކާރައަކަށް އެހެންމީހަކުވެސް ވިޔަ ނުދިނުމަށްޓަކައި ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރަންޖެހެއެވެ.

 އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަންކަން:

މަކަރާއި ހީލަތްތެރިންގެ ކިބައިން ސަލާމަތްވުމަށް ވަކި ކަހަކަ ކަންކަމަށް ނޫނެކޭ ބުނަން ދަސްކުރާށެވެ. އެގޮތުން ތިމާގެ ނަމުގައި ނަގާފައި ހުންނަ މޯބައިލް ސިމްތައް ތިމާގެ ކޮންޓްރޯލުން ބޭރުވާ ގޮތަށް އެހެން މީސްމީހުންގެ ބޭނުމަށް ދިނުމަކީ އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަމެކެވެ. އެގޮތަށް ދޭންޖެހޭ ފަދަ ހާލަތެއް މެދުވެރި ނަމަވެސް ރަސްމީ ހައިސިއްޔަތުން ސިމްގެ ވެރިފަރާތް ބަދަލުކުރަންވާނެއެވެ. މިފަދަ އަނެއް ކަމަކީ ދީލަތި އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ސަމާލުވުމެވެ. މުޖުތަމަޢުގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ނަމުގައާއި ނުވަތަ އެހެންވެސް ނާޒުކު އަދި މީސްމީހުންގެ ހިތައި ކުޅެލަން ފަސޭހަ ކަންކަން ދައްކައިގެން އެކައުންޓްތަކަށް ފައިސާ ޖަމާކުރުވާ މީހުން މަދެއްނޫންކަން ޤަބޫލުކުރަންޖެހެއެވެ. އެހެންކަމުން އެފަދަ މީސްމީހުން ދެނެގަންނަންޖެހެއެވެ. އެފުރުޞަތު ނުދިނުމަށްޓަކައި  ފައިސާ ޖަމާކުރުން ފަދަ ކަންތައްތަކުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވެ ކަމަކަށް އެދޭ މީހާއާއި ސުވާލުކޮށް އިތުރަށް ސަމާލުވުން މުހިންމުކަމަށް ދެކެމެވެ.