ފުލުހުން ކުރިއަށްގެންދިޔަ ރެޑީ ކޭމްޕެއްގެ ތެރެއިން : ރެޑީ ކޭމްޕްތަކަކީ ދަރިވަރުންނަށް ވަރަށް ގިނަގުނަ ދަރުސްތަކެއް އެކުލެވޭ ގޮތަށް ފުލުހުން ހިންގާ ކޭމްޕެއް -- ޕޮލިސް ފައިލް ފޮޓޯ
ފުލުހުން ކުރިއަށްގެންދިޔަ ރެޑީ ކޭމްޕެއްގެ ތެރެއިން : ރެޑީ ކޭމްޕްތަކަކީ ދަރިވަރުންނަށް ވަރަށް ގިނަގުނަ ދަރުސްތަކެއް އެކުލެވޭ ގޮތަށް ފުލުހުން ހިންގާ ކޭމްޕެއް -- ޕޮލިސް ފައިލް ފޮޓޯ

ސާނަވީ މަރުޙަލާގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ހިންގާ ރެޑީ ކޭމްޕް ގދ.ފަރެސްމާތޮޑާ އާއި ހދ.ހަނިމާދޫގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.

މި ދެ ކޭމްޕުވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ 19 ން 21 އަށެވެ. މި ދެކޭމްޕުގެ ތެރެއިން ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޭމްޕުގައި ހަނިމާދޫ ސްކޫލުގައި ތަޢުލީމު ހާސިލްކުރަމުންދާ 92 ދަރިވަރަކު ބައިވެރިވާނެއެވެ. އަދި ގދ. ފަރެސްމާތޮޑާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރެޑީ ކޭމްޕުުގައި ގދ. ފިޔޯރީ ސްކޫލާއި ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލް ހިމެނޭގޮތަށް ޖުމްލަ 89 ދަރިވަރަކު ބައިވެރިވާނެއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ދެކޭމްޕުގައިވެސް ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަދަބުތަށް ދަސްކޮށްދިނުމާއި، ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ކުރިޔަށް ގެންދާނެއެވެ.

މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ، ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް އޮޅުންފިލުވައިދެވޭނެއެވެ. މިއާއިއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢޫލޫމާތު ދިނުމުގެ އިތުރުން މަދްރަސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މިކޭމްޕްގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދެވޭނެއެވެ. މީގެ އިތުރުން އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގައި އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ދަރިވަރުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކޭމްޕް ކުރިއަށް ގެންދިމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެރަށްރަށުގައި މިހާރު ކުރަމުންދާއިރު ރެޑީ ކޭމްޕުތައް ކުރިއަށް ގެންދިޔުމަށް އެރަށްރަށުގެ ކައުންސިލްތަކުންނާއި ފިޔޯރީ ސްކޫލާއި ހުވަދޫ ސްކޫލާއި އަދި ހަނިމާދޫ ސްކޫލްގެ އިތުރުން  ބެލެނިވެރިންނާއި އެރަށްރަސުގެ މުއައްސަސާތަކުން ފުލުހުންނަށް ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުމެއް ދަނީ ލިބެމުންނެވެ.

މިއީ ރެޑީ ކޭމްޕް ސިލްސިލާގެ ތެރެއިން މިއަހަރު ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކޭމްޕުތަކުގެ ތެރެއިން ހިންގާ ދެ ކޭމްޕެވެ.